އާސަންދަ ކުންފުނީގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދޭ ޝަކުވާތަކާއި ސުވާލުތައް ހުށައެޅުމަށް މެސެޖް ކުރެވޭ ޙާއްސަ ނަމްބަރެއް އެކުންފުނިން ތައާރަފް ކޮށްފިއެވެ.

އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ހިތުގައި އުފެދޭ ޝަކުވާތަކާއި ސުވާލުތައް ހުށައެޅުމަށް މެސެޖް ކުރެވޭ ޙާއްސަ ނަމްބަރަކީ 7951400 ކަމަށެވެ.

މި ނަމްބަރަށް ވަޓްސް އަޕް، ވައިބަރގެ އިތުރުން ޓެލެގްރާމް މެދުވެރިކޮށް ވެސް މެސެޖް ކުރެވޭނެ ކަމަށް އެ ކުންފުނިން ނެރެފައިވާ ބަަޔާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވަނީ ޝަކުވާއާއި ސުވާލުގެ އިތުރުން އާސަންދައިގެ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާއި ބެހޭގޮތުން އެއްވެސް ކަމެއް ރިޕޯޓްކުރައްވަން ބޭނުންފުޅުވާނަމަ މެސެޖާއި ފޮޓޯ ވެސް އެ ނަމްބަރަށް ފޮނުއްވެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ރައްޔިތުންގެ ޚިޔާލުވެސް ތައާރަފް ކޮށްފައިވާ ނަމްބަރަށް ފޮނުވޭނެ ކަމަށް ވެސް އެނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އާސަންދަ އާއި ގުޅޭ ޝަކުވާ ހުށަހެޅޭ ނަމްބަރެއް ތައާރަފް ކޮށްފައި ވާއިރު ރާއްޖެ އިން ބޭރުން އާސަންދަ މެދުވެރިކޮށް ފަރުވާ ހޯދަން ދަތިތަކެއް ދިމާވަމުންދާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ރާއްޖެ އިން ކުރެވެން ނެތް ބައެއް ބަލިތައް ފަރުވާ ކުރަން ވެސް އާސަންދަ ފަސޭހައިން ހަމައެއް ނުޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔަގީން

    މިފަދަ ކަންތަށް ގިނަގިނައިން ކުރުމަށް ގޮވާލަން

  2. ޢަލިއާ

    ދަންނަވަމެވެ! ޝަކުވާ ހުށައަޅަން ކިތައްމެ ފޯން ނަމްބަރެއްވެސް ދެވިދާނެއެވެ. އައި.ޑީ ކާޑަކީ 100000 ރުފިޔާކަމަށް މި ގައުމުގެ ރައީސަކު ވަނީ ނިއްމާފައެވެ. ފަރުވާ ދެވެނީ ތިތަނުން ނިއްމާ ބަލި ތަކަށެވެ، އެކަމު ފަރުވާ ކުރަންޖެހޭ ބަލިތަށް ވަރަށް ގިނައެވެ. އެހީ ތެރިކަން ނުދެވޭ ފަރުވާއެއް ނަމަ، އަމިއްލަ ހަރަދުގަ ކުރެވޭ ފަރުވާގެ ބިލަށް ތިފަރާތުން ޔަގީން ކުރުމަށްފަހު އެ ހިނގި ހަރަދު ލިބޭނެ ގޮތެއް ހައްދަވާ ދެއްވާށެވެ.