ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ކަމަށް ބެލެވޭ ރޭ އޭނާ ހުޅުމާލެ އަށް ދިޔަ ފެރީގައި އިންއިރު އާދަޔާ ޚިލާފް ގޮތަކަށް ސިއްރުން ފޯނާ ކުޅެމުން ދިޔަކަން ފާހަގަވި ކަމަށް ކޯޓުގައި ހެކިބަސް ދެމުން ރިލްވާންގެ ރަހުމަތްތެރިޔަކު ބުނެފިއެވެ.

ރިލްވާން ގެއްލުނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ. މިއަދު ރިލްވާންގެ ރަހުމަތްތެރިޔަކު ވަނީ ރިލްވާން ގެއްލުނު މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގައި ހެކިބަސް ދީފައެވެ. ރިލްވާން ގެއްލުނު މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ހ.ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީނަށެވެ.

ރިލްވާން އާދަޔާ ޚިލާފް ގޮތަކަށް ސިއްރުން ފޯނާ ކުޅެމުން ދިޔަކަން ފާހަގަވި ކަމަށް ބުނެފައި ވަނީ ހުޅުމާލޭ ފެރީން ރިލްވާނާ އެކު ވަރަށް ގިނައިން ދަތުރުކުރާ މީހެކެވެ.

އެރޭ ރިލްވާން ފަރާތުން އާދަޔާ ޚިލާފް ކަމެއް ފާހަގަވިތޯ ދައުލަތުން ސުވާލު ކުރުމުން، އޭނާ ބުނީ އަރިއަކަށް ޖެހިގެން ހުރެ ރިލްވާން ފޯނާ ކުޅެމުން ދިޔަކަން އޭނާއަށް ފާހަގަވި ކަމަށެވެ.

"ފުދޭ ވަރަކަށް ގިނައިން ފެރީން ދިމާވާ މީހެއް ރިލްވާނަކީ. އެރޭ އާދަޔާ ޚިލާފް ކަމަކަށްވީ ކުޑަކޮށް އަރިއަކަށް ޖެހިލައިގެން ހުރެ އޭނާ ފޯނާ ކުޅެމުން ދިޔަ،" އެ ހެކިވެރިޔާ ބުންޏެވެ.

އެކަމަކު އޭނާ ބުނިގޮތުގައި ރިލްވާން އެރޭ ފެރީން ހުޅުމާލެއަށް ފޭބިކަން ނުވަތަ ނޫންކަން އޭނާއަށް ޔަގީނެއް ނުވެ އެވެ.

"ރިލްވާން ފެރީގައި އިނީ އަޅުގަނޑުގެ ވާތް ފަރާތުގައި. ހަމަ ގައިމު ވެސް ދެ މީހުން އެއްކޮށް ތެދުވީ ފެރީން ފައިބަން. އެކަމަކު އޭނާ ފެރީން ހުޅުމާލެ އަށް ފޭބިކަން އަޅުގަނޑަށް ޔަގީންކޮށެއް ނުބުނެވޭނެ،" ހެކިވެރިޔާ ބުންޏެވެ.

މީގެ އިތުރުން ދެމީހަކު ވަނީ ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު އެރޭ ކާރަކަށް އެރުވި މަންޒަރު ފެނުނު ކަމަށް ބުނެ ހެކިބަސް ދީފައެވެ. އަދި ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު ކާރަށް އެރުވި ތަން ފެނުނު ކަމަށް އަނބިމީހާ ބުނުމުން އެސަރަހައްދު މަގުމައްޗަށް ނިކުމެ އެސަރަހައްދުން ވަޅި އެއް ފެނުމުން ފުލުހުންނަށް ރިޕޯޓް ކުރި މީހާ ވެސް މިއަދު ހެކިބަސް ދިނެވެ.

މާދަމާ އާއި ބުދަ ދުވަހު ވެސް މިމައްސަލައިގައި ހެކިބަސް ނެގުން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތިމައްސަލަ ތިހާ ފާސްޓް ކޮށް ނުބަލަބަލަ.

    • ފާރޫގް

      ކަލެއައް ކޮން ކަމެއް؟ ގެއްލުންތާ ވީ ދުވަސް މިހާރުވެސް މަދީ ތަ؟