އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ސިޓީގެ ހިތަދޫ އަށް އާދަޔާ ޚިލާފަށް ވައިގަދަވެ، އެ ރަށުގެ ގެއަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ވައިގަދަވުމުގެ ސަބަބުން އެގޭގައި ހުރި ބޮޑު ބަނބުކެޔޮ ގަހެއް ވަނީ ގޭގެ ފުރާޅުމައްޗަށް އަރިއަޅާލާފައެވެ.

މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އެފަރާތަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 9:06 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެ ދުވަރަކަށް ދުވަސް ތެރޭ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސިޓީގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައެވެ. އަދި މި ވިއްސާރައިގައި ބައެއް ރަށްތަކަށް އާދަޔާއި ޚިލާފަށް ދަނީ ވައިގަދަ ވަމުންނެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް އެހެން ހިސާބުތަކަށްވެސް ދަނީ އާދަޔާއި ހިލާފަށް ވައިގަދަވަމުންނެވެ. އެގޮތުން ދ. ކުޑަހުވަދޫ އަށް ރޭ ދަންވަރު އައި ކޮޅިގަނޑެއްގައި އެރަށު ގެއެއްގެ ފުރާޅުމައްޗަށް ފާރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އެ ފާރު ވެއްޓުމުގެ ސަބަބުން އެގޭގެ ފުރާޅު އަދި ސީލިންގ ވެއްޓި، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށް ގެއްލުން ލިބިފައިވެއެވެ.

މޫސުން ކުރިޔަށް ލަފާކުރާ ގޮތް ހާމަކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ވިދާޅުވެފައި ވަނީ، ކުރިޔަށް އޮތް ވަގުތުތަކުގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، މި ސަރަޙައްދުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.