ރާއްޖޭއަށް ބޭރުގެ ޤައުމުތަކުން ދަތުރުކުރާ މީހުންގެ މަޢުލޫމާތު ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ، ރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ އާއި ގުޅިގެން، އެ ޖަމިއްޔާ އިން ހިންގާ 'ގްލޯބަލް ޓްރެވަލްސް އެސެސްމަންޓް ސިސްޓަމް' (ޖީޓާސް) ޕްރޮގްރާމުގެ ދަށުން ކަމަށެވެ.

މި ނިޒާމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މެމްބަރުންތަކެއް، މި ފެށޭ ޖުލައި މަހުގެ 17 ވަނަ ދުވަހު ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. ހަފްތާއެއްހައި ދުވަހުގެ މުއްދަތަށް އެ ޓީމުން ކުރާ މި ޒިޔާރަތުގައި، ބޭރުން ރާއްޖެއަށް އަންނަ މީހުން ދެނެގަތުމުގެ ނިޒާމް ޤާއިމްކޮށް އެ ނިޒާމަށް ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައި ވެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވިގޮތުގައި، މި ނިޒާމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައި ވާތީ، އޭގެ ބޭނުން މިހާރުވެސް ރާއްޖޭގައި ވަނީ ހިފަން ފަށާފައެވެ. އެގޮތުން ބައެއް އެއާލައިން ތަކުން ރާއްޖެއަށް އަންނަ ފަސެންޖަރުންގެ މައުލޫމާތު ދުރާލައި ޙިއްސާ ކުރަމުންދާ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކަސްޓަމްސް އިން ވިދާޅުވިގޮތުގައި މި ނިޒާމުގެ މަސައްކަތް 2020 ވަނަ އަހަރު އަންނަން ވާއިރަށް އެކީ ނިންމާލައި ބޭނުންކުރަން ފެށޭނެއެވެ. އެއާއެކު ރާއްޖެއަށް ބޭރުން އަންނަ މީހުންގެ މައުލޫމާތުތައް، ދުރާލާ ކަމާއި ބެހޭ އިދާރާތަކަށް އެނގިގެންދާނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި ޚާއްސަ ސަމާލުކަމެއް ދީގެން ބަލަން ޖެހޭ، ހައިރިސްކް ފަސެންޖަރުންގެ މަޢުލޫމާތުތައް ދުރާލާ ދެނެގަނެވި އެފަރާތްތައް ބަލައި ފާސްކުރުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ކަމަށާއި، މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްޖާތެރިކަން އިތުރުވެގެން ދާނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    އެހިސާބުން ދެން ޑްރަގްގެ ކުނޑިފުކެއްވެސް އެތެރެވިޔަދީގެން ނުވާނެ.

  2. މޯދީ

    ރާއްޖޭގެ ސަލާމަތީ ކަންތައް އިންޑިޔާގެ ކޮންޓްރޯލުގަމިހާރުއޮތީ، އެމީހުންބޭނުންވެއްޖެ ހާލަތެއްގައި ލަންކާޔައްހެދިގޮތަށް އަޑިގަތިބެގެން ޓެރަރިސްޓް ހަމަލާތައް ރާވާ ފަންޑުކުރާނެ! މިހާރު ގައުމުތަކަށް އަރާ އެގައުމެއްނުހިފާނެ! އެގައުމެއްގެ ބަޔަކު ލައްވާ އެކަންތައް ކުރުވަނީ! ފުރިހަމަ މިސާލެއް މިގައުމުގަ ވޯޓާކުޅެގެން )ގަނެގެން( މިއިތީ ކާމިޔާބު ކޮށްފަ!