.ހިއްސާ ވިއްކުމުގެ އެންމެ ބޮޑު ބޭނުމަކީ 224 މިލިއަން ރުފިޔާ ހޯދުން ކަމަށް އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވެއްޖެއެވެ

މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ގޮތުން މާގިރި ހޮޓެލްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވީ އެ ފައިސާ ޚަރަދު ކުރާނީ ހިއްސާދާރުންގެ ލާބައާއި މަންފާ އަށް ކަމަށާއި އެ ކުންފުންޏަކީ 100 އިންސައްތަ ދިވެހި ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ހެދުމަށް ބޭނުންވާ ކަމަށެވެ.

"ދިވެހި ރައްޔިތުން އިސްލާމިކް ބޭންކުގައި ހިއްސާވާން ދައުވަތު އެރުވުމަކީ ލިބޭނެ ޝަރަފެއް. މި ފުރުސަތުގެ ބޭނުން ހިފުމަށް އެދެން" މުހައިމިނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ ޗީފް ފައިނޭންސް އޮފިސަރު އަލީ ވާސިފު ވިދާޅުވީ ހިއްސާ ގަނެވޭނެ ފަސޭހަ ގޮތްތަކެއް ފަހިކޮށްފައިވާ ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް އެކަން ކުރެވޭނެ ކަމަށެވެ.

"އޮންލައިންކޮށް ހިއްސާ ގަނެވޭނެ. އަދި މިއީ މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ފުރުޞަތެެއް. އެނގިވަޑައިގަންނަވާނެ އެމްއައިބީއަކީ ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކުންފުންޏެއް" ވާސިފު ވިދާޅުވި އެވެ.

ވާސިފު ވިދާޅުވީ ހިއްސާއެއް ވިއްކާ އަގު ކަނޑައަޅާފައިވަނީ ވަރަށް ބޮަޑަށް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި ހިއްސާދާރުންގެ އިތުބާރު ދަމަހައްޓަންވާނެ ކަމަށެވެ.

"ޖުމްލަ 224 މިލިއަން ރުފިޔާއަށް އަމާޒުކޮށްގެން ހިއްސާ ވިއްކަން ހަމަޖެހިފަ މިވަނީ. އެންމެ މަދުން ގަނެވޭނީ 20 ހިއްސާ. އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތުވެސް އޮންނާނެ" ވާސިފް ވިދާޅުވިއެވެ.