ވާރުތަވެރިންގެ ރުހުމާ ނުލައި ވެރިމީހާއަށްވެސް މަރުގެ ހުކުމް މުގުރައެއް ނުލެވޭނެ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ 3 ނޮވެމްބަރު 1988 ވަނަ އަހަރު 19 ދިވެހިން ޝަހީދުކޮށްލި ނުރައްކާތެރި ނިރުބަވެރި ބާޣީ ހެންވޭރު ހާޖަރާގެ އަބްދުﷲ ލުތުފީ އަށް މާފު ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކާފައި ވަނިކޮށެވެ.

ޓުވިޓާރ މެދުވެރިކޮށް ޝައިޚު ޒައިދު ވިދާޅުވީ މީހަކު މަރާފައި ހުންނަ މީހަކަށް އިސްލާމީ ޝަރީޢަތުގައި އޮންނަ ޙުކުމަކީ ޤިޞާސް ކަމަށާއި އޭނާ އަށް މާފު ދެވޭނީ މާފު ދެވޭނީ ވާރިސުން މާފު ދިނުމުން އެކަނި ކަމަށެވެ.

"އިސްލާމީ ޝަރީއަތުގައި، މީހަކު މަރާފައި ހުންނަ މީހެއްގެ ހުކުމަކީ ޤިޞާސްގެ ޙުކުމް. އޭނާ އަށް މާފު ދެވޭނީ ވާރިސުން މާފު ދީފިނަމަ އެކަނި. ވާރުތަވެރިންގެ ރުހުމާ ނުލައި އެ ހުކުމް މުގުރައެއް ނުލެވޭ ވެރިއާއަށްވެސް. ނަމަވެސް ޙުކުމް ސާބިތުވީމާ އެ ތަންފީޒު ކުރާނީ ދައުލަތުން" ޝެއިޚް ޒައިދުގެ ޓުވީޓުގައި ވެއެވެ.

3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން ނިރުބަވެރި ޙަމަލާގެ މޭސްތެރިޔާ ހާޖަރާގެ ބާޣީ އަބްދުﷲ ލުތުފީ ސަރުކާރަށް ފިލައިގެން ލަންކާގައި އުޅުމަށްފަހު މިހާރު ދިރިއުޅެމުން އަންނީ އެޤައުމުގައި ހުންނަ ދިވެހި އެމްބަސީގައި ރަސްމީ އިއްޒަތުގައެވެ.

ރައްޔިތުންނަށް ސިއްރުން އޭނާ އަށް ދިވެހި ރައްޔިތުންގެ ފައިސާއިން މަތީ ފެންވަރުގެ ޚިދުމަތް ދެމުންދާކަން ފަޅާއެރުމާއެކު ސަރުކާރުން ވަނީ ރައްޔިތުންނަށް އޮޅުވާލައި އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައެވެ.

ލުތުފީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުންނަތާ މިހާރު ދެމަސް ދުވަސް ވެއްޖެ ކަމަށް ސަރުކާރުން ވިދާޅުވެފައިވީނަމަވެސް ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ލުތުފީ ރާއްޖޭގެ އެމްބަސީގައި ހުންނަތާ ދެމަހާއި ދިހަ ދުވަސް މިއަދަށް ފުރިހަމަ ވާނެއެވެ.

ލުތުފީ ގެންނަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.