ވައިފުޅި އަޅައިގެން އެންހިފަން ފީނަން އުޅުމުގެ ތެރޭގައި "ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް" (ޑީކޯ) ވި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓްރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފިއެވެ.

ޑީކޯ ވެގެން ގދ.ފިޔޯރީ ސިއްޙީ މަރުކަޒުގައި ފަރުވާދެމުންދިޔަ އުމުރުން 30 އަހަރުގެ މި ފިރިހެން މީހާ، އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ ރޭ 00:00 ހާއިރުއެވެ. މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސް އިތުރު ފަރުވާދޭން ޝަންގްރިއްލާ ރިސޯޓަށް ސީ އެމްބިއުލާންސްގައި ވަނީ ގެންގޮސް ދީފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މަޢުލޫމާތު ލިބިފައިވާގޮތުގައި މިމީހާ ވަނީ މިއަދު 50 މީޓަރުގެ ފުންމިނަށް ތިން ފަހަރު ފީނާފައެވެ. އަދި މިއިން ކޮންމެ ފީނުމެއްގައި 20 މިނެޓާއި 35 މިނެޓާއި ދޭތެރޭގެ ވަގުތު ހޭދަކޮށްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައި ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މި މީހާ އައްޑޫ ސިޓީ ގަމަށް ގެންގޮސްދީފައިވަނީ ގދ.ފިޔޯރީ ސިއްޙީ މަރުކަޒުގުން ބެއްލެވި ޑޮކްޓަރުން މި މީހާ އިތުރު ފަރުވާއަށް އައްޑޫ ސިޓީ ގަމަށް ގެންދިއުމަށް ލަފާދެެއްވުމާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ވައިފުޅި އަޅައިގެން ފީނުމުގެ ތެރޭގައި ޑީކޯ ވެގެން ހިތާމަވެރި ހާދިސާތައް ހިނގުން ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިފަދަ ހާދިސާތައް ހިނގަނީ ފީނުމުގައި ވައިފުޅި އަޅައިގެން ފީނުމުގައި އަމަލު ކުރަން އޮންނަ އުސޫލުތަކަށް އަމަލު ނުކުރާތީއެވެ.