އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމެޓީއަށް 23 ވަކީލަކު ކުރިމަތިލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ބާ ކައުންސިލަށް ކުރިމަތިލުމުގެ ވަގުތު ހަމަވެފައިވާކަމަށާއި، އެ ކައުންސިލްގެ ރައީސް ކަމުގެ މަގާމަށް ދެ ބޭފުޅަކު އަދި ނައިބު ރައީސް ކަމުގެ މަގާމަށް ވެސް ދެ ބޭފުޅަކު ކުރިމަތިލައިފައިވާ ކަމަށެވެ. އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި ކަމަށް އިލެކްޝަނުން މައުލޫމާތު ދެއެވެ.

އެ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުހައްމަދު ހަލީމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާރނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ ކައުންސިލްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.

ގާނޫނީ ފަންނުގެ ބިލް އެކުލަވާލާފައިވާ ގޮތުން ބާ ކައުންސިލްގައި ރައީސް އަދި ނައިބު ރައީސްއާ އެކު ޖުމްލަ ހަ މެންބަރުން ތިއްބަވާނެއެވެ. އޭގެތެރޭގައި ދައުލަތުގެ ބަންޑާރަ ނާއިބުވެސް ހިމެނެއެވެ.