މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން އަމިއްލައަށް އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފެއަރ މެލޭޝިއާގައި ފަށައިފި އެވެ.

އެމްއެމްޕީއާރުސީގެ މި ފެއަރ އަކީ ރާއްޖޭގެ ޓޫރިޒަމް ބޭރުގެ ގައުމުތަކުގައި އިޝްތިހާރުކުރުމަށްޓަކައި "ވިޒިޓް މޯލްޑިވްސް 2019" ގެ ނަމުގައި މެލެޝިއާގެ އައިއޯއައި މޯލް ޕުތްރަޖާޔާގަ ގައި މިމަހުގެ 5 ވަނަ ދުވަހުން 7 ވަނަ ދުވަހާއި ހަމައަށް ބާއްވާ ފެއަރ އެކެވެ.

މިފެއަރގެ ތެރެއިން ނަގާ ކޮންމެ ޓިކެޓަކަށް 20 ޕަސެންޓްގެ ޑިސްކައުންޓްއެއް އެއާއޭޝިއާއިން ދެއެވެ. އެއާއޭޝިއާ އަކީ ރާއްޖެ އާއި ކުއަލަލަމްޕޫރާއި ދެމެދު ހަފްތާއަކު 10 ދަތުރު ފުރިހަމަ ކުރާ އެއާލައިނެކެވެ.

މިފެއަރގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 18 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި ޓެރެވެލް އޭޖެންޓުން އަދި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނެއެވެ.

ފޮޓޯ: ވިޒިޓް މޯލްޑިވްސް

މެލޭޝިއާ ގައި ކުރިއަށްދާ "ވިޒިޓް މޯލްޑިވްސް ފެއަރ 2019" ހުޅުއްވައި ދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި އެއާ އޭޝިއާގެ ރީޖަނަލް ހެޑް އަމާންޑާ ވޫ އެވެ. މީގެ އިތުރުން ފެއަރ ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން މެލޭޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މިފެއަރގެ ފުރަތަމަ ދުވަސް ހާއްސަކުރީ މެލޭޝިއާ އިން ބޭރަށް ފަތުރުވެރިން ފޮނުވާ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ފެއަރ އަށް ޒިޔާރަތްކުރާ މީހުންނަށެވެ.