މިއަހަރުގެ އީދާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ތަފާތު ކުޅިވަޅުތައް ރާވާ ހިންގަމުން ދާއިރު، ގދ.ގައްދޫގައި އީދުތައްޔާރީތައް ދަނީ ވަރަށް ޖޯޝާއިއެކު ކުރިއަށެވެ. ގައްދޫގެ ޖަމްއިއްޔާއެއްކަމުގައިވާ ލާޔާ އެސޯސިއޭޝަން އިން ރަށުކައުންސިލާއި އަދި ރަށުގެ އެހެން ޖަމްއިއްޔާތަކުގެ އެއްބާރުލުމާއި އެކު މިފަހަރު އަޟުހާ އީދުގެ ގައްދޫ ޒުވާނުން ފާހަގަކުރަނީ "ލާޔާރަޓުއީދާ 1440 " ގެނަމުގައެވެ.

މިއަހަރު އީދުކުޅިވަރު ބާއްވާނެ ރަށްތަކުގެ ތެރެއިން އެންމެ ފޯރިގަދަ ކޮށް އީދުފާހަގަ ކުރާނެ އެއްރަށަކަށް ގައްދޫ ވެގެންދާނެކަމަށް ބެލެވޭއިރު ލާޔާއެސޯސިއޭޝަންގެ ފަރާތުން މައުލޫމާތު ދެމުން އީދުގެ ކަންތައް ރޭވުމުގައި އިސްކޮށްހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ފަހަރު ވިޒިޓްގައްދޫ ގެ މާކެޓިން އިވެންޓެއްގެ ގޮތުގައި ހަބޭސް ބޮޑުބެރު ގުރޫޕް އަދި ޔާރާ ގޫރޫޕުން ފޯރިގަދަ ބޮޑުބެރު އަދި ފަންނާނުންގެ ޝޯއެއް އޮގަސްޓް 14 އަދި 15 ގައި ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ބޮޑު އީދުގެ ތައްޔާރީތަކަށް ލަޔާ އެސޯސިއޭޝަންގެ ފަރާތުން ބޭއްވި އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ލަޔާ އެސޯސިއޭޝަން

"ލާޔާރަޓުއީދާ" ގެ ތައްޔާރީތަކުގައި މިހާތަނަށް ވަނީ ތަފާތުހަތަރު އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އެ ގޮތުން ލާޔާ އެސޯސިއޭޝަން އާއި ރަށުކައުންސިލް އާއި އެކު ގުޅިގެން މަސައްކަތްކުރުމަށް އެމް.އޯ.ޔޫ ގައި ވަނީ ސޮއިކުރެވިފައެވެ. އަދި ރާއްޖޭގެ މަޝްހޫރު ތަރިންނާއެކު ސޮއިކުރެވިފައިވާ އިރު ،ރާއްޖޭގެ މަޝްހޫރު ސައުންޑް އަދި ލައިޓިންގް ހަދައިދޭ ޕޮރޯފުލެކްސް އާއި އެކުވަނީ ސޮއިކުރެވިފައެވެ.

"ލާޔާއެސޯސިއޭޝަންގެ މޮޓޯ "ވަން ވިޒަން، ވަން އައިލޭންޑް، ވަން ފެމިލީ" އާއި އެއްގޮތަށް މިފަހަރު އަޅުގަނޑުމެން ލާޔާރަޓުއީދާ 1440 މި ފަހާގަކުރުމުގެ މައިގަޑު މަޤުސަދަކީ އެއްބައެއް ،އެއް އާއިލާއެއް ފަދައިން އެކުވެރިކަމާއި އެކު އިޖުތިމާއި ގުޅުން ބަދަހިކޮށް އީދުގެ އުފަލުގައި ކުޑަކުދިންނާއި، ބޮޑެތިމީހުން އަދި ދެ ޖީންސްގެ އެންމެން ބައިވެރިވުމުގެ ފުރުސަތުހޯދައިދިނުން. މި އިވެންޓްގެ ތައްޔާރިތައް ކުރިއަށް ދާއިރު ރަށުކައުންސިލް، ރަށުގެ އެހެން ޖަމްއިއްޔާތައް އަދި ގައްދޫ ދާއިރާގެ މެމްބަރ އަދި ރަށު ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބެމުން އަންނަ އެއްބާރުލުމަށް އަޅުގަނޑުމެން ބުނާނީ ހަމަ ސަތޭކައޭ،" ލާޔާއެސޯސިއޭޝަންގެ ފަރާތުން ވާހަކަދެއްކި ޝިފްރާ ސޯލިހް ވިދާޅުވިއެވެ.