ބ. އޭދަފުށީގައި މިހާރު ކުރިއަށް ދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗު 5-3ގެ ނަތީޖާ އަކުން ދަރަވަންދޫ ބަލިކޮށް ކެންދޫ އިން މެޗު ކާމިޔާބު ކޮށްފިއެވެ.

ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމު ބައްދަލު ކުރި މެޗުގެ 2ވަނަ މިނެޓުގައި ދަރަވަންދޫ އިން ގޯލެއް ޖަހައި ލީޑް ނެގި ނަމަވެސް، އޭގެ 8 މިނެޓު ފަހުން ކެންދޫގެ އަލީ ޝާއިން (7) ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އޭގެ 4 މިނެޓު ފަހުން ކެންދޫގެ ރަބީއު އަހްމަދު (77) ވަނީ ގޯލެއް ޖަހައި އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ގޮސްފައި ވަނީ މި ނަތީޖާގައެވެ.

ދެވަނަ ހާފް ފަށައިގެން 53ވަނަ މިނެޓުގައި ކެންދޫ އަށް ލީޑް ފުޅާ ކޮށްދިނީ އަހްމަދު މިސްބާހު (2)އެވެ. އޭގެ 3 މިނެޓު ފަހުން މެޗުގެ މޮޅު ކުޅުންތެރިޔާ، އަލީ ޝާއިން ވަނީ އިތުރު ދެ ގޯލާއި އެކު ހެޓްރިކެއްވެސް ހަދާފައެވެ. މެޗުގެ 71ވަނަ މިނެޓާއި 74ވަނަ މިނެޓުގައި މުހައްމަދު އަނީލް (5)ގެ ފަރާތުން ފެނުނު ދެ ގޯލާއި އެކު ދަރަވަންދޫ އަށް ފަރަގު ކުޑަވެގެން ގޮސްފައި ވާއިރު، ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މި މެޗުގެ ލަނޑުތައް ވަރަށް ކައިރި ކައިރީގައި ޖަހާފައިވާ ކަމެވެ.

މިއަދު ކުޅުނު މެޗު ކާމިޔާބު ކޮށް ގްރޫޕް އޭގެ އެއްވަނާގައި ކެންދޫ އިން ހަމަޖެހިލި އިރު، މި ގްރޫޕުގައި ދެން އޮތީ ބ. ދޮންފަނެވެ. ބ. އަތޮޅުގެ 11 ރަށަކުން ބައިވެރިވި މި މުބާރާތުގައި މި މަހުގެ 20ގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް އެއް މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އޭދަފުށީގެ ޖަމިއްޔާ އެއް ކަމުގައިވާ ވެސްޓް ވިންގް އޭދަފުށި އާއި ފޯ ސީޒަން ލަނޑާގިރާވަރުން އިންތިޒާމް ކޮށްގެން ބާއްވާ މި މުބާރާތަކީ ރިސޯޓަކުން ސްޕޮންސާ ކޮށްފައިވާ މިފަދަ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.