މިދިޔަ އަހަރުގެ އޮކްޓޫބަރު ނޮވެންބަރުގައި ބޭއްވި އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ސެޓްފިކެޓް އަންނަ އާދީއްތަ ދުވަހު ދޫކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ބުނީ، އޭލެވެލް ނަތީޖާ ސެޓްފިކެޓް މާދަމާއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް އިމްތިހާން ހެދި ސެންޓަރުތަކުންނާއި ޑީޕީއީ އިން ދޫކުރާނެ ކަމަށެވެ. ނަމަވެސް ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ސަރުކާރު ބަންދުވާނެތީ ސެޓްފިކެޓް ދޫކުރަން ފަށާނީ އާދީއްތަ ދުވަހުއެވެ.

އެގޮތުން އާދީއްތަ ދުވަހުގެ 8:30 އިން މެންދުރު 1:30 އަށް ޑީޕީއީ އިން ސެޓްފިކެޓް ނެގޭނެކަމަށާއި، ވަކި ސެންޓަރުތަކުން ސެޓްފިކެޓް ދޫކުރާނީ އެ ސެންޓަރުތަކުން ކަނޑައަޅާ ގަޑިތަކެއްކަމަށް ޑީޕީއީ އިން ބުންޏެވެ.

ޑީޕީއީން ބުނީ އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންނަށް ނަތީޖާ ދޫކުރާނީ އިމްތިހާންގައި ބައިވެރިވި ކެންޑިޑޭޓްގެ އައިޑީކާޑް ހިފައިގެން އައުމުން ކަމަށެވެ. ބަދަލުގައި މީހަކު އަންނަ ނަމަ އެމީހާގެ އައިޑީކާޑާއި ކެންޑިޑޭޓްގެ އައިޑީ ކާޑު ގެންނަންވާނެ ކަަމަށްވެސް ޑީޕީއީން ބުންޏެވެ.