ރެފްރިޖެރޭޝަން އަދި އެއަރ ކޮންޑިޝަނިންގ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންނަކީ ލައިސަންސް އޮވެ މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިސްނަގައިގެން މިއަދު މޯލްޑިވްސް ޕޮލީޓެކްނީކްގައި ފަށައިފިއެވެ.

ހަތަރު ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ" ގެ ދަށުން ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ އެޗް.ސީ.އެފް.ސީ ފޭސްއައުޓްކުރުމުގެ ޓާގެޓް ހާސިލުކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގަމުންދާ ބައިނަލްއަޤުވާމީ ފެންވަރުގެ ސެޓްފިކޭޝަން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން އަލަށް ދުނިޔޭގެ މާކެޓުގައި ތަޢާރަފު ކުރަމުންދާ ފްލޭމަބަލް ރެފްރިޖެރެންޓް އެކުލެވޭ އެއަރ ކަންޑިޝަނަރ އަދި ރެފްރިޖެރޭޓަރސް އިންސްޓޯލް، މެއިންޓެއިން، އަދި ސާރވިސް ކުރާނެ ގޮތުގެ ޓްރެއިނިންގ ދެވޭނެއެވެ. އަދި އަލަށް އުފެދޭ ފްލޭމަބަލް އަދި ޖައްވު ހޫނުވުމަށް މެދުވެރިކުރުވާ ގޭސްތަކުގެ މަޢުލޫމާތު ދީ އެފަދަ ގޭސްތައް ގެންގުޅުމުގައި ބަލަންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ މަޢުލޫމާތު ދެވޭނެއެވެ.

ރެފްރިޖެރޭޝަން އަދި އެއަރ ކަންޑިޝަނިންގ ދާއިރާއަކީ ފަންނީ އަދި ޢިލްމީ ދާއިރާއަކަށް ވުމާއެކު، އަދި މުޅި ސިނާޢަތުގެ އަމާޒު ތިމާވެށްޓާ ރައްޓެހި އީޖާދީ ޢިލްމުގެ މައްޗަށް ބިނާވަމުން އަންނަ ސިނާޢަތަކަށް ވުމުން، ދިވެހިރާއްޖޭގައިވެސް މި މަސައްކަތަކީ ހަރުދަނާ އުސޫލުތަކެއްގެ މަތިން އޭގެ އެންމެ ރަނގަޅު އުސޫލުތަކުގައި ހިފައިގެން ކުރާ މަސައްކަތަކަށް ހެދުމަކީ މުހިއްމުކަމެކެވެ.

މި މަސައްކަތަކީ ލައިސެންސް ލިބިގެން އެކަމުގެ ފަންނީ ޢިލްމު ލިބިހުރެ ކުރާ މަސައްކަތަކަށް ހެދުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް އެންވައިރޮމެންޓް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ދިވެހިރާއްޖެއަކީ ޔުނެޕްގެ ފަރާތުން ރެފްރިޖެރެންޓް ޑްރައިވިންގ ލައިސަންސް ޕްރޮގްރާމް ފެށި ދެވަނަ ޤައުމެވެ. މި ޕްރޮގްރާމްގައި ދިވެހިރާއްޖެއިން 12 ޓެކްނީޝަނުން ޓެރެއިން ކުރެވިގެންދާނެއެވެ.