ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްޓަކައި 19 ރަށެއްގައި 43 ސޭފްޓީ ބޯޑު ބަހައްޓަން ހަވާލުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ސޭފްޓީ ބޯޑު ބަހައްޓަން އިސްކަންދީފައިވަނީ 100 އެނދު ހިމެނޭ ރަށްތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ކުރިއަށް އޮތް 45 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ބޯޑުތައް ބަހައްޓާ ނިމޭނެ ކަމަށެވެ.

މިކަމަކީ ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލަމަތީ ކަންތައްތައް ހަރުދަނާ ކުރުމަށް ފެށި ސޭފްޓި ޕްރޮގްރާމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރާ ގުޅިގެން ބަހައްޓާ ބޯޑުތަކެކެވެ. އެންމެ ފުރަތަމަ މި ބޯޑުތައް ބަހައްޓާފައި ވަނީ ހުޅުމާލޭގަ އެވެ.

މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ އިތުރުން ސޭފްޓީ ބޯޑު ހަރުކުރަން ނިންމާފައިވާ ރަށްތަކަކީ ބ. ދަރަވަންދޫ، އއ. އުކުޅަސް، އއ. ރަސްދޫ، އއ. ތޮއްޑޫ، ތ. ދިގުރަށް، އދ. ހަންޏާމީދޫ، ކ. ދިއްފުށި، ކ. ގުޅި، ކ. ގުރައިދޫ، ކ. ތުލުސްދޫ، ކ. މާފުށި، ކ. ހިންމަފުށި، ކ. ހުރާ، ވ. ތިނަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.

މި ރަށްތަކުގައި ސޭފްޓީ ބޯޑުތައް ބަހައްޓަން ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ލިކަމެކް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެންނެވެ.