ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އަށް އިތުރުކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ކޯޓުތަކާ ބެހޭ ގާނޫނަށް، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެ ބިލު ބަލައިގަތުމަށް ފާސްވީ 72 މެމްބަރުންގެ ވޯޓާއެކުއެވެ.

މީގެ އަަހަރުތަކެއް ކުރީގައިވެސް އެ ބެންޗުގެ އަދަދަކީ 7 ފަނޑިޔާރުންނެވެ. އެކަމަކު 2014 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނެސް، އެ އަދަދު ފަހަކަށް ތިރި ކުރި އެވެ.

އެ އިސްލާހުގެ ސަބަބުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ 5 ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

މީގެތެރެއިން ފަނޑިޔާރު ދީދީގެ ސުލޫކީ މައްސަލައެއް ފުލުހުންނާއި، ޖޭއެސްސީން ބަލަމުން އަންނާތީ އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.