ޚިދުމަތް ހުއްޓާލާފައި ތިބި ބްރޯޑްކާސްޓަރުން އެ ޚިދުމަތް އަލުން ނުފަށައިފިނަމަ ލައިސަންސް ބާތިލްކުރުމަށް ކޯޓަށް ހުށަހަޅަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ، ޚިދުމަތް ހުއްޓާލާފައިވާ 16 ޓީވީ އަދި 6 ރޭޑިއޯ ޗެނެލެއްގެ ވެރިފަރާތްތަކަށް ވަކި ވަކިން ފޮނުވި ސިޓީ ފޮނުވާ އެކަން އަންގާފައިވާކަމަށެވެ.

ބްރޯޑް ކާސްޓިންގ ގަވާއިދުގެ 25 ވަނަ މާއްދާގެ (ހ) ގައި “ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމުގެ ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެ ޚިދުމަތެއް ހުއްޓައިލާނަމަ، އެ ހުއްޓައިލާ ޗެނަލުގެ މަޢުލޫމާތާއެކު ސަބަބު ބަޔާންކޮށް އަދި ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ފަށާނަމަ، އެކަމުގެ މަޢުލޫމާތު މަދުވެގެން 15 (ފަނަރަ) ދުވަހުގެކުރިން ކޮމިޝަނަށް އެކަން އަންގަންވާނެއެެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެކަން އާންމުކޮށް އިޢުލާނުކުރަންވާނެކަމާއި އަދި އެއީ ޚިދުމަތް ލިބިގަންނަ ފަރާތް އެނގޭގޮތަށް ދެވޭ ޚިދުމަތެއްނަމަ، ސީދާ އެފަރާތްތަކަށް އެކަން އެ މުއްދަތުގައި އަންގަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް ބްރޯޑްކޮމްއިން ބުނެއެވެ،.

މި ފަދައިން ޚިދުމަތް ހުއްޓާލާފައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 180 (އެއްސަތޭކަ އަށްޑިހަ) ދުވަސް ކަމާއި، ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ނުފަށާނެކަމަށް ކޮމިޝަނަށް އަންގައިފިނަމަ، ނުވަތަ ޚިދުމަތް ހުއްޓައިލުމަށްފަހު، އެހެން ޚިދުމަތެއް ނުފަށާ 180 (އެއް ސަތޭކަ އަށްޑިހަ) ދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެ ކޮމިޝަނުން ބުނީ، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ޢަމަލުކުރަން ފެށި ތާރީޚަކީ، 29 ޖަނަވަރީ 2019 ކަމުގައިވާތީ، މި ޤަވައިދުގައި ބަޔާންކޮށްފައިވާ 180 (އެއް ސަތޭކަ އަށްޑިހަ) ދުވަސް ހަމަވާ ތާރީޚަކީ ޖުލައި 28 ކަމުގައި ވެސް ކޮމިޝަނުން އެ ފަރާތްތަކަށް ހަނދާންކޮށްދޭނެ ކަމަށެވެ.

އަދި އެ ފަރާތްތަކަށް އެގޮތަށް އަަމަލުނުކޮށްފިނަމަ ލައިސަންސް ބާޠިލުކުރުމަށް ކޯޓަށް ހުށަހެޅޭނެކަށްވެސް އެ ބަޔާނުގައި ވެއެވެ.