ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫއިން މަތީ ތަޢުލީމު ހާސިލް ހުރި ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި "ވަން ސްޓޮޕް އެޑްމިޝަން" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބާއްވަން އެ ޔުނިވަރސިޓީން ތައްޔާރުވެއްޖެއެވެ.

އެމްއެންޔޫއިން މިއަދު ބުނީ މި ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ ގޯތިތެރޭގައި ކަމަށެވެ.

އެމްއެންޔޫއިން މައުލޫމާތުދިން ގޮތުގައި މި ހަރަކާތުގައި އޭލެވެލް އޯލެވެލް އަދި އެހެން ތަޢުލީމީ ނަތީޖާތަކަށް ބަލައި ޤައުމީ ޔުނިވަރސިޓީން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ އެވެ. އަދި މި އޮގަސްޓު މަހު ޔުނިވަރސިޓިން ފަށާ ކޯސްތަކުގެ ތެރެއިން ޖާގަހުރި ކޯސްތަކަށް އެޕްލިކޭޝަން ފޯމް ބަލައިގަނެ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދެވޭނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރުން އެޕްލިކޭޝަން ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސެޓްފިކެޓްތައް އެޓެސްޓު ކުރުމަށް ބޭނުންވާ ފަރާތްތަކަށް، ސެޓްފިކެޓްތައް އެޓެސްޓު ކޮށްދިނުމުގެ ޚިދްމަތްވެސް މި ހަރަކާތުގެ ތެރޭގައި ކުރިއަށްދާނެއެވެ.

ވަން ސްޓޮޕް އެޑްމިޝަންގެ ހަރަކާތްތައް އެމްއެންޔޫގެ އަތޮޅުތަކުގެ ކެމްޕަސްތަކުގައިވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ޔުނިވަރސިޓީގެ ގަމު ކެމްޕަހާއި ތިނަދޫ ކެމްޕަހުގައި، 13 ޖުލައިވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ޔުނިވަރސިޓީގެ ކޯސްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، އެޕްލިކޭޝަން ބަލައިގަނެ، ޖާގަ ކަށަވަރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުއެވެ. ޔުނިވަރސިޓީގެ ކޯސްތަކަށް މުޅިން އަލަށް ހޮވިފައިވާ ފަރާތްތަކުގެ އޮރިއެންޓޭޝަން ޕްރޮގްރާމުތައް ފެށޭނީ 28 ޖުލައި 2019 ވާ އާދިއްތަ ދުވަހުއެވެ.

ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި 7000 އަށްވުރެ ގިނަ ދަރވަރުން މިހާރު ތަޢުލީމު ހާސިލުކުރަމުން ގެންދެއެވެ.