މަސްވެރިންނަށް ވިއްކާ ތެލުން ޑިއުޓީ ކަނޑާލައި މަސްވެރިން މަހަށް ފުރުމަށް ކުރާ ހޭދަ ކުޑަކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒުން މިފްކޯއާއި އެކު އެއްބަސްވުއްގައި ސޮއި ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރގައި ބޭއްވި ރަސްމިޔާތެއްގައި މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާސަނަލް ސެކެޓްރީ އައިމިނަތު ސަފްނާ އެވެ.

ތެޔޮ މަސްވެރިންނަށް ލިބޭނޭ ގޮތް ހެދުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒުން ވަނީ ހޮރައިޒެން ފިޝަރިޒް އާއިއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އަންނަ ހަފްތާގައި މި ޕްރޮގްރާމު މެދުވެރިކޮށް ޑިއުޓީއާއި ނުލައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށާއި މިއީ ސަރުކާރުން ތެލުގެ ޑިއުޓީއަށް ދީފައިވާ އިނާޔަތް ތަންފީޒުކޮށް މަސްވެރިން މަހަށް ފުރުމަށް ކުރާ ހޭދަކުޑަކުރުމުގެ ގޮތުން މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެއްކަމަށެވެ.

"މަސްވެރިން މަހަށް ފުރުމުގައި ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މިއީ ސަރުކާރުން ތެލުގެ ޑިއުޓީއަށް ދެއްވާ އިނާޔަތް ތަންފީޒުކުރުމަށްޓަކައި މިފްކޯ އާއި އެކު ވެފައިވާ އެއްބަސްވުމެއް. މިމަސައްކަތްކުރަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް" މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

ޑިއުޓީ އުނިކޮށް ޑީސަލް ވިއްކުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ލައިސަންސްހުރި މަސްވެރި އުޅަނދުތަކަށް އެކަނިކަމަށް މިނިސްޓްރީން ބުނެއެވެ.

އަންނަ ހަފްތާގައި ތެލުން ޑިއުޓީ ކަނޑާލުމަށްފަހު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާއިރު މި ޕްރޮގްރާމަށް ޚާއްސަކޮށްގެން މިނިސްޓްރީން "ފަހިހަކަތަ" ގެ ނަމުގައި އެޕްލިކޭޝަންއެއް ތަޢާރަފްކޮށްފައިވެއެވެ.

ފަހިހަކަތަ މި މި އެޕްލިކޭޝަނަކީ ސީދާ މި ޕްރޮގާމަށް ޚާއްސަކޮށްގެން މިނިސްޓްރީން ތަޢާރަފްކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޑީސަލް ވިއްކާ ފަރާތްތަކާއި މިނިސްޓްރީ އަދި މަސްވެރިންނާއި މެދު މުޢާމަލާތް ކުރެވޭނެ އެވެ.

އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ޑިއުޓީއާއި ނުލައި ތެޔޮ ގަންނަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރެވޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ލައިސެންސް އޮންނަ އުޅަނދުތަކަށް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ.

މިނިސްޓްރީގެ އުއްމީދަކީ ވީހާވެސް ގިނަ އުޅަނދުތައް އަދި ސަޕްލައިޔަރުން މި ޕްރޮގްރާމުގައި ބައިވެރިވުންކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.