އިޔާދަކުރަނިވި ހަކަތަޔާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް ހަމަޖައްސައިފިއެވެ.

އެކަމުގެ ފަހުކޮޅު ޑރ. ނިޔާޒްއަށް ވަނީ، އަބޫދާބީގައި ހުންނަ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީގެ މައި އޮފީހުގައި، އެޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލަ ކަމޭރާއަށް އަރުވާފައެވެ.

2009 ވަނަ އަހަރު އައިރީނާ އުފެދުނުފަހުން އެޖަމްއިއްޔާގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް، އެޖަމްއިއްޔާއަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައަޅާފައެއް ނުވެއެވެ. އައިރީނާގެ މެމްބަރުންގެ ގޮތުގައި 160 ޤައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއް ކަނޑައެޅުމާއި ގުޅިގެން ޑރ ނިޔާޒަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. ނިޔާޒް އެޖަމްއިއްޔާއަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ހަމަޖެހުމުން ހިރާއްޖެ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ޤައުމަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގައި އައިރީނާއާއިއެކު ގުޅިގެން އިތުރު މަސައްކަތްކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު