ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުން މަނާކުރާ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

މި ބިލަކީ، މިހާރު ޢަމަލު ކުރަމުންދާ 32 އަހަރުވީ މަސްވެރިކަމުގެ ޤާނޫނުގެ ބަދަލުގައި، މުޅިން އަލަށް ތައާރަފް ކުރާ ބިލެއްގެ ގޮތުގައި އެޓަރނީ ޖެނަރަލްގެ އޮފީހުން އެކުލަވާލި ބިލެކެވެ.

"ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު" މި އައު ބިލަކީ 73 މާއްދާއެއްގެ މައްޗަށް އެކުލެވޭ މަސްވެރިކަމުގެ އައު ބިލެކެވެ. މި ބިލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ވަނީ 9 ޖުލައި 2019ގައެވެ.

މި ބިލު މަޖިލީހުން ފާސްކޮށް، ތަޞްދީޤުކުރުމާ އެކު 1987 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދާ މަސްވެރިކަމުގެ ގާނޫނު އުވިގެންދާނެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ، ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާޙައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާޙައުލު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އަދި ރާއްޖޭގެ ސަރަހައްދުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކުރުމެއް ނެތި އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ. މަސްވެރިކަން) ހުއްޓުވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަށް ބިލުގައި ބާރު އަޅާފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ބިލުގައި ސާފުކޮށްދީފައިވާނެއެވެ.

ރާއްޖޭގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް:

  1. ބޮޑު ދަލުގެ (ޕަރސް ސެއިން) މަސްވެރިކަން
  2. އޮޔާދާ ދަލުގެ (ގިލް ނެޓް) މަސްވެރިކަން
  3. ދަމާ ދަލުގެ (ޓްރޯލް ނެޓް) މަސްވެރިކަން
  4. އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަންކުރުން
  5. ދޫކުރާ ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުން (ސްޕިއަރ ފިޝިންގ)
  6. ގޮވާ އެއްޗެއް ނުވަތަ ވިހައެއް ނުވަތަ އެހެންވެސް އެފަދަ ކެމިކަލެއް ބޭނުންކޮށްގެން މަސްވެރިކަން ކުރުން
  7. ރޮދުލުން

މީގެ އިތުރުން މަސްވެރިކަންކުރާ ދިވެހި އުޅަނދުފަހަރުތަކުން، ބޭރުގެ މަސްވެރި އުޅަނދުތަކަށް މިނިސްްޓްރީން ދޫކުރާ ހުއްދައެއް ލިބިގެން މަސް ވިއްކޭނެ އުޞޫލާއި، ދިވެހި އުޅަނދުފަހަރުތަކުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދުފަހަރުތަކުން ހުއްދަ ނަގަންޖެހޭނެ އުޞޫލުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި މިނިސްޓްރީގެ ހުއްދަ ކުރިއާލާ ލިބިގެން މެނުވީ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުން މަނާކުރާ މާއްދާއަކާއި، އަދި މި ބިލުގެ ދަށުން ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ބޭރުގެ އެއްވެސް އުޅަނދަކަށް ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ލައިސަންސް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާނެކަމަށް އޭޖީ އޮފީހުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަންކުރާ ދިވެހި އުޅަނދުތަކަށް މަސްވެރިކަންކުރުމުގައި ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، މިނިސްޓްރީން ކަނޑައަޅާ މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް ހިންގުމަށްޓަކައި، ސަރުކާރުގެ މަސްވެރިކަމުގެ ވައުދުގެ ތެރޭގައި ހިމެނޭ އޯފްޝޯރ ޕްލެޓްފޯމުތައް ޤާއިމްކުރުމާ ގުޅޭ އުޞޫލުތައް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގެ ފަރާތްތަކަށް މަސްވެރިކަން ނުކުރެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެެވެ.