ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ ޢަބްދުﷲ އަޝްރަފު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (ޢެމްއެމްއޭ)ގެ އެހެން ސެކްޝަނަކަށް، މަގާމުގެ ގިންތިއަށް ބަދަލު ނާންނަގޮތަށް، ބަދަލުކުރަން ނިންމެވީ، މަޤާމުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ނުކުޅެދިފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ޢެމްއެމްއޭ އިން ބުނެފިއެވެ.

އެފްއައިޔޫގެ ވެރިޔާގެ މަޤާމަށް ޢަބްދުﷲ އަޝްރަފް ހަމަޖެއްސެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވަރނަރކަމުގައި ކުރިން ހުންނެވި ޢަޒީމާ އާދަމްއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފްއައިޔޫއަކީ އެއްވެސް ސިޔާސީ ނުފޫޒެއް ނެތި، މިނިވަންކަމާއެކު، އެ ޔުނިޓަށް ލިބޭ މަޢުލޫމާތާ ގުޅޭ ގޮތުން ފިޔަވަޅުއަޅައި، ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ މަޢުލޫމާތު ފޮނުވަންޖެހޭ ޔުނިޓަކަށްވާއިރު، ޝައްކުކުރެވޭ މުޢާމަލާތްކަމަށް ހުށަހެޅިފައިވާ މުޢާމަލާތްތައް ކަމާބެހޭ ފަރާތްތަކަށް ނުފޮނުވައި ލަސްކޮށްފައިވާ ކަމަށެވެ.

އަދި ޢަބްދުﷲ އަޝްރަފު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޚާއްޞަކޮށް 2018 ވަނަ އަހަރުގެ ތެރޭގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ ބައެއް ރިޕޯޓްތަކާ ގުޅޭ ގޮތުން ޢަމަލުކުރައްވާފައިވަނީ، އެފަދަ މަޢުލޫމާތު ލިބުމުން ޢަމަލުކުރަން އޮންނަ ގޮތާ ޚިލާފަށް ކަމަށް ފާހަގަކުރެވިފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"އެގޮތުން 2018 ޖޫންމަހުގެ ތެރޭގައި، ސިޔާސީ އިސްފަރާތެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ގުޅިގެން އެފް.އައި.ޔޫ އިން އެކަން ތަޙްޤީޤީ އިދާރާއަކަށް ނުފޮނުވައި ގިނަދުވަސްތަކެއް ކޮށްފައިވެއެވެ. އަދި މިކަމުގެ ސަބަބުން ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލަސްވިކަން ފާހަގަކުރެވެއެވެ. އެމުޢާމަލާތާ ގުޅޭ ގޮތުން ފިޔަވަޅެއް ނާޅައި ބާއްވާފައި އޮތްކަން އެނގުނީ، ޢަބްދުﷲ އަޝްރަފު ރާއްޖޭގައި ނެތްދުވަސްވަރެއްގައެވެ". އެ ބަޔާނުގައި ވެއެވެ.

އަދި ޢަބްދުﷲ އަޝްރަފު ޔުނިޓުގެ ވެރިޔާގެ މަޤާމާ ޙަވާލުވިއިރު ކުރިއަށް ހިނގައިދިޔަ އަހަރާއި، ޢަބްދުﷲ އަޝްރަފު ޙަވާލުވި ފަހުން ހިނގައި ދިޔަ ދެ އަހަރުވެސް ޔުނިޓްގެ މަސައްކަތް ހިނގި ގޮތުގެ ރިޕޯޓެއް ތައްޔާރުކޮށްފައެއްނުވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

މީގެ އިތުރުންވެސް، އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅޭ ފައިސާގެ މުޢާމަލާތްތަކުގެ މަޢުލޫމާތު އެންމެ ފުރަތަމަ އެފްއައިޔޫއަށް ލިބިފައިވަނީ ޢަބްދުﷲ އަޝްރަފު އަތަށް ކަމަށްވުމުން، އެރިފޯޓާ ޙަވާލުވެ ސޮއިކޮށްފައިވަނީ ޢަބްދުﷲ އަޝްރަފެވެ. އަދި އެކަމާގުޅޭ ހުރިހާ އެނަލިސިސްތައް ހަދާފައިވަނީވެސް އޭނާއެވެ.

"އެހެންނަމަވެސް އެފްއައިޔޫގެ ކުރީގެ ހެޑް އާތިފު ޝުކޫރު އެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު، އެފްއައިޔޫގެ އެންމެ އިސްވެރިއަކަށް ހުންނަވައި އެމްއެމްޕީއާރުސީގެ ރިޕޯޓްތަކާއި ބެހޭގޮތުން ފިޔަވަޅުއެޅުމުގެ ފުރުސަތު އަބްދުﷲ އަޝްރަފަށް ލިބިވަޑައިގެންނަމަވެސް، އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއްނުވެއެވެ". އެ ބަޔާނުގައި ވެއެވެ.

އެމްއެމްއޭ އިން ބުނީ، އެ އޮތޯރިޓީގެ ގަވަރުނަރު މަސައްކަތްކުރައްވާފައި ވާނީ އެފްއައިޔޫއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަަމަށެވެ. އަދި އެ ޔުނިޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގައި އަދި އެއްވެސް މައްސަލައެއް ތަހުގީގީ އިދާރާއަކަށް ފޮނުވުމުގައި މިހާރުގެ ގަވަރުނަރު ހުރަސްއަޅުއްވާފައިނުވާނެ ކަމުގެ ޔަގީންކަންވެސް އެމްއެމްއޭ އިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބަކުރުބެ

    ތިޔަވަރު ވީމަ އަދިވެސް ވަޒީފާގަ ބަހައްޓަންޖެހޭހެއްޔެވެ؟ އާދައިގެ މީހެއްނަމަ މިހާރު ކަޑާ އެއްލައިލައިފީހެވެ

    6
    1
  2. ހުސޭނުބޭ

    ތަންކޮޅެއް ފަސޭހައިން ރިޒާވް ހުސްވާގޮތް ހަދައްޗޭ!

    9
    1
  3. ފައްރާރު

    ތީ މިހާރު ފަށާފައިވާ މަޝްރޫއުތަކަކީ. ސްޓެލްކޯވެސް ހަމަ ތި ހާލަތުގައި. ތަނުގައިހުރި ވާހަކަ ހޯދައިގެން ހިގާ މަކުނު މަސައްކަތެއް ނުކުރިޔަސް ޔުނިޓގެ ވެރިކަމަށް. ކިޔެވިތަނެއް ނެތް އެގޭކަށް. މީހުން ހޭރުވުން ކަމަކީ