"ވަގުތު" ފުޓްސަލް ޗެލެންޖުގެ ދެވަނަ މެޗުގެ ފަހު ސިކުންތުގައި ގޯލް ޖަހާ، ވަން އެންޑް އޮންލީ ރީތި ރަށުން ހޯދަޑު ސްޕޯޓްސް ބަލިކޮށްފިއެވެ.

މިރޭ އައްޑޫ ހިތަދޫ ދަނޑުގައި ކުޅުނު ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ވަން އެންޑް އޮންލީ ރީތި ރަށް، އަދި ހޯދަޑު ވާދަކުރި މެޗު، ވަން އެންޑް އޮންލީ ރީތި ރަށުން ކާމިޔާބުކުރީ 4-3ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި އައްޑޫއިން ބޭރުގެ ތިން ޓީމުން ވާދަކުރާ އިރު، މި މެޗުގައި ވާދަކުރީ އޭގެ ތެރެއިން ފުވައްމުލަކުގެ ހޯދަޑާއި ވަން އެންޑް އޮންލީ ރީތި ރަށުގެ ޓީމެވެ. އައްޑޫއިން ބޭރުން ބައިވެރިވި އަނެއް ޓީމަކީ މޯލްޑިވިއަންއެވެ.

"ޥަގުތު" ފުޓްސަލް ޗެލެންޖުގައި ހޯދަޑާއި ރީތި ރަށް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް / މުހައްމަދު އަފްޒަލް

މެޗުގެ ކުރީކޮޅުގައި ވަން އެންޑް އޮންލީ ރީތި ރަށުން ލީޑު ނެގިއެވެ. އަހުމަދު ހަމީދުގެ ގޯލުން އެޓީމު ލީޑު ނެގި އިރު، އޭގެފަހުން ފެނިގެންދިޔައީ ހޯދަޑުގެ ތިން ހަމަލާއެކެވެ. އެހެން ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ރީތި ރަށު ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ޓީމް ލީޑް ކުރަމުންދިޔައީ އާދަމް ލަރީފް (ރޮނާ)އެވެ. ރޮނާއަކީ ކުރިން ގައުމީ ޓީމަށްވެސް ކުޅެ، ރާއްޖޭގެ ވަރުގަދަ ކްލަބުތަކަށް ކުޅެ، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ.

ރީތި ރަށުން ލީޑަށްފަހު މާ ބޮޑަށް ފަހަތަށް ޖެހުމުގެ ފައިދާ ހޯދަޑުން ނެގިއެވެ. ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދާ، ރީތި އެޓޭކަކާއެކު ހޯދަޑަށް ނަތީޖާ އެއްވަރު ކޮށްދިނީ (އަހުމަދު ސިނާހެވެ. އަދި އޭގެފަހުންވެސް ފުރަތަމަ ހާފްގައި ވަރުގަދައަށް ކުޅެ، ލިބުނު ހިލޭ ޖެހުމެއްގެ ބޭނުން ހިފާ ލީޑުވެސް ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ އަބްދުﷲ ރަޝީދެވެ.

ހާފް ނިމެން ދަނިކޮށް، ރީތި ރަށަށް ހުސް ދެ ފުރުސަތެއް ލިބިގެން ދިޔައެވެ. މުހައްމަދު ދާނިޝްއަށް ލިބުނު ދެ ފުރުސަތުގައިވެސް އޭނާއަށް ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ. ފުރަތަމަ ހަމަލާ މަތިން ބޭރަށް ދިޔަ އިރު، ދެވަނަ ހަމަލާ މަތަކޮށް ބޭރުކޮށްލީ ގޯލްކީޕަރެވެ. ހާފްގެ ފަހު މިނެޓްގައި ކަހަލަ ގޮތަކަށް ރީތި ރަށުން ނަތީޖާ ހަމަހަމަ ކުރިއެވެ. ދެވަނަ ގޯލްވެސް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަހުމަދެވެ.

ދެވަނަ ހާފް ވަރުގަދަކޮށް ފެށީ ހޯދަޑުންނެވެ. ހާފްގެ ކުރީކޮޅުގައި އުފެއްދި ދެ ހަމަލާއެއް ނާކާމިޔާބުވި ނަމަވެސް، ފުރަތަމަ ފަސް މިނެޓް ތެރޭގައި އެޓީމުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގިއެވެ. ދެވަނަ ގޯލްވެސް ޖަހައިދިން އަބްދުﷲ ރަޝީދުގެ ގޯލުން ހޯދަޑު ދެވަނަ ފަހަރަށް ލީޑު ނެގި އިރު، އޭގެފަހުން ފުލުފުލުގައި ދެން ފެނުނީ ރީތި ރަށުގެ ހަމަލާތަކެވެ. އަހުމަދަށް ހެޓްރިކް ފުރިހަމަ ކުރުމަށް ލިބުނު ދެ ފުރުސަތެއްގައިވެސް އޭނާއަށް ހުރަސް އެޅީ ހޯދަޑުގެ ގޯލްކީޕަރެވެ.

"ޥަގުތު" ފުޓްސަލް ޗެލެންޖުގައި ހޯދަޑާއި ރީތި ރަށް ވާދަކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖްސް / މުހައްމަދު އަފްޒަލް

އޭގެ އިތުރުން އަހުމަދު ނަބީލް ފޮނުވާލި ހަމަލާ ދިޔައީ މާ މަތިން ބޭރަށެވެ. މެޗުގެ ފަހު ހާފްގައި ދެ ޓީމުގެ ފަރާތުންވެސް އެޓޭކިން ކުޅުމެއް ފެނުނު އިރު، ހަމަލާތައް ގިނަކޮށް ފާހަގަކޮށްލެވުނެވެ. ހޯދަޑުގެ މޫސާ ހާނިމުގެ ހަމަލާއެއް އަރިމަތީ ދަނޑިއަށްވެސް އަމާޒުވި އިރު، އެޓީމަށް ލިބުނު އިތުރު ފުރުސަތެއް ނަގާލިތާ މިނެޓެއްވެސް ނުވަނީސް ރީތި ރަށުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލް ކާމިޔާބު ކޮށްދިނީ އަބްދުﷲ ވިޝާމެވެ.

ވިޝާމް ފަހު ސިކުންތުގައި ރީތިި ރަށަށް ކާމިޔާބުކޮށްދިން ގޯލާއެކު މެޗުން ތިން ޕޮއިންޓްވެސް އެޓީމަށް ޔަގީން ކޮށްދިނެވެ.

މެޗުގައި ދެ ގޯލް ޖެހި، އަހުމަދު --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

މުބާރާތުގައި ދެން އޮތް މެޗުގައި ވާދަކުރާނީ މޯލްޑިވިއަންއާއި މަރަދޫ ފޭދޫއެވެ.

އައްޑޫ ހިތަދޫގައި ކުރިއަށްދާ "ވަގުތު" ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ރަނަރަޕް ޓީމަށް 30000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރު މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްއެސްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެހެންކަމުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އެޗްއެސްސީ "ވަގުތު" ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. ކޯ ސްޕޮންސަރަކީ ޝީޝާއެވެ. ބެވަރޭޖް ޕާޓްނާއަކީ އާގަލާއެވެ. ޓްރެވެލިން ޕާޓްނާއަކީ މޯލްޑިވިއަންއެވެ. ސްޕޯޓްސް ޕާޓްނާއަކީ ސޮނީ ސްޕޯޓްސްއެވެ.