އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތާއީދުކޮށް ދިނުމަށް މަޑަގަސްކާގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު މަހުލޫފު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ބޭނުމަކީ އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ހުށަހަޅާފައިވާ ބިޑަށް އެކި ގައުމުތަކުގެ ތާއީދު އޮތްކަން ކަށަވަރު ކުރުމެވެ.

މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޑަގަސްކާގެ ކިބައިން އެކަމަށް އެދިވަޑައިގެންފައިވަނީ އެގައުމުގައި މީގެކުރިން ދެ ފަހަރެއްގެ މަތިން އައިއޯއައިޖީ ބާއްވާފައިވާތީ ކަމަަށެވެ.

ސީޝެލްސް އިންވަނީ މީގެ ކުރިން އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާއީދު ކުރާނެކަމުގެ ޔަގީންކަން ދީފައެވެ.

ދިވެހި ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް އައިއޯއައިޖީގެ ކައުންސިލްގެ މެމްބަރުން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ބައްލަވާލައްވާފައެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބުވުން ގާތް ކަމަށް އެ ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވަނީ ވިދާޅުވެފައެވެ.