އެންމެ ފަހުން އެކުލަވާލި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި އަދި ފަޤީރުންގެ ދަފްތަރު ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް އަލުން ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމަށް 02 އެޕްރީލް އިން 28 އެޕްރީލް އަށް ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކުންނާއި އެކި ސަބަބުތަކާހެދި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައި ނުވާ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ޝަކުވާ ލިބެމުންދާތީ، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު އަލުން ހުޅުވާލައި، 1440 ވަނަ އަހަރު އެކުލަވާލި ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

ދަފްތަރަށް ޝަކުވާ ހުށަހަޅަން ދީފައި ވަނީ އެންމެ ދެ ދުވަހެވެ. މިމަހުގެ 17 ގެ ކުރިން ޝަކުވާ ހުށަހަޅަން ޖެހޭނެއެވެ. ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުށަހަޅާ ފޯމް އޮގަސްޓް 01 ވަނަ ދުވަހާއި ހަމައަށް ބަލައި ގަންނާނެއެވެ.

މާލޭގައި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާ ފޯމާއި ފަޤީރުންނާއި މިސްކީނުންގެ ދަފްތަރަށް ޝަކުވާހުށަހަޅާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ އިސްލާމިކް ނިސްޓްރީގައެވެ. އަތޮޅު ތެރެއިން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ފޯމު ބަލައިގަތުމާއި ޝަކުވާ ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޒަކާތް ބެހުން ފަދަ ކަންކަމުގައި ބަލާނީ މި ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.