ޚަރަމައިން ގްރޫޕުން ހައްޖަށް މީހުން ގެންދަން ގިނައިން ފައިސާ ނަގާ ކަމަށް ބުނާ ވީޑިއޯއެއް އާއްމުވުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއާ ގުޅިގެން އަލްހަރަމައިން ޖަމާއަތުގެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އަށް މިއަދު އެ ޖަމާއަތުގެ އިސް ބޭފުޅުން ހާޒިރުކޮށްފައިވާ ކަމަށް އެ މިނިސްޓްެރީން ބުނެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަނީ ޚަރަމައިން ގްރޫޕްގެ އޮފީހަށް ބަޔަކު ގޮސް އެމީހުންނަށް ހައްޖަށް ނުދެވިގެން ޝަކުވާ ކުރާ މަންޒަރެވެ. ވީޑިއޯގައި ވާހަކަދައްކާ އަންހެނުން ބުނާ ގޮތުގައި އެމީހުން އެހެންތަނަކަށް ނުގޮސް ތިބީ ޚަރަމައިން އިން "އުއްމީދުތަކެއް ދެމުން އައުމުންނެވެ."

ނަމަވެސް ލިސްޓްގައި ނަން ޖަހާފައި އޮތް ތަރުތީބަށް ބަލާއިރު މާފަހުން ނަން ނޯޓް ކުރި މީހުންނަށް ހައްޖަށް ދިނުމަށް ފުރުސަތު ދީފައިވާ ކަމަށާއި އެފުރުސަތު އެމީހުންނަށް ދިނީ 100000 ރުފިޔާ ދިނުމުން ކަމަށް ވާހަކަދައްކާ މީހުން ބުނެއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އަންހެނުންތައް ވާހަކަދައްކަނީ ޕީއެސްއެމްގެ އިސް މަގާމެއް އަދާކުރަމުންދާ މުހައްމަދު އަފްޒަލް އާއި އެވެ.

ވީޑިއޯ ފެށޭ ހިސާބުގައި އަފްޒަލް ވިދާޅުވަނީ ޓިކެޓާއި ހޮޓަލުގެ ކަންކަން އޮފިޝަލުންނަށް ހަމަނުޖެހިގެން އުޅޭ ކަމަށެވެ.

އެއާއި އެކު އެތަނުގައި ތިބި އަންހެނުން ވަނީ މިހާރު ވެސް އެއްލައްކަ ރުފިޔާ ދައްކައިގެން ބައެއް މީހުން ޖާގަ ކަށަވަރު ކޮށްފައިވާ ކަމަށް ބުނެފައެވެ. އިތުރަށް ފައިސާ ނަގަން ބޭނުން ނަމަ އެވާހަކަ ވެސް ބުނުމަށް އެމީހުން އެދެއެވެ.

އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާ އަގަށް ވުރެ ބޮޑު އަގެއް މީހުންގެ އަތުން ނަގައިގެން ހައްޖަށް ގެންދިއުމަކީ މަނާ ކަމެކެވެ. ނަމަވެސް ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތްތަކުން މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯހަލާކު

    ހުސްވަގުން

    • އަހުމަދު

      އެހެންތާވާނީ ވެރިކަމަށް އަރަނީވެސް ހުސް ވަގުންވިޔަ....ބޮޑު ސޯބު އެނބުރޭ ގޮތައް ކުޑަ ސޯބު އެނބުރޭނީ

      2
      1
  2. ކެވޭލެވޭ

    އަޅުގަނޑު އޮންނާނެ މިދިޔަ އަހަރު ހަމަ ތި ގްރޫޕް ވާހަކަ އިސްލާމިކް މިނިސްޓްރީ އަށް ލިޔުމުން ހުށަހަޅާފަ. މިގޮތަށް ކަން ހިނގާ ވާހަކަ. ފުރަތަމަ ސިޓީގެ ޖަވާބު ވަރަށް ފަސޭހައިން ދިން ހެކި ހުށަހަޅާށޭ ކިޔާފަ. ހީކުރީ ކަންނޭންގެ ހެކި ނުދެއްކޭނެ ކަމަށް. ހެއްކާއި ގުޅިގެން ދެވަނަ ސިޓީ އަށް އަދިވެސް ޖަވާބު ނުދޭ. ފުރަތަމަ އެކަން ހިނގާތޯ ވެސް ނުބަލާ ހެކި ހުށަހަޅަން. ޔާނު ފާތުމަ ހިއްސާވާ ތަންތަން. ތަޒްކިޔާ ވެސް.