ސިންގަޕޯ އެއާލައިނުން އެންމެ ފަހުގެ ލަގްޒަރީ ހިދުމަތް ދެމުން އަންނަ ޑްރީމްލައިނާ 10-787 މަރުކާގެ ބޯޓުތަކުގެ ދަތުރުތައް ރާއްޖެ އަށް ދަތުރުތައް ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވެފައިވާ ކަމަށް އެ އެއާލައިނުން ވިދާޅުވެއްޖެ އެވެ.

ސިންގަޕޯގެ އެންމެ ފަހުގެ ލަގްޒަރީ ހިދްމަތް ފޯރުކޮށްދެމުން އަންނަ ޑްރީމްލައިނާ ރާއްޖެއަށް ދަތުރުތަށް ފަށަން ހަމަޖެހިފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.

ރާއްޖެއަށް ދަތުރުތަށް ފެށުމަށް ސިންގަޕޯ އެއާލައިނުން ތައްޔާރުވެފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިދިޔަ ޖޫން މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ވީ އެއްބަސްވުމެއްގެ ދަށުންނެވެ.

ރާއްޖެއަށް އުދުހެން ފަށާ ޑްރީމްލައިނާގެ ބިޒްނަސް ކްލާހުގައި 30 ކެބިން ހުރެއެވެ.

މި ކެބިންތައް ވަރަށް ހާއްސައެވެ.

ހާއްސަވާ އެއް ސަބަބަކީ ފްލައިޓަށް އެރުމުގެ ކުރިން ދުރާލާ ކެއުންތަކަށް ބުކިން ހައްދަން ފުރުސަތު ލިބުމެވެ.

މި ފްލައިޓުގައި "ބުކް ދަ ކުކް" ހިދުމަތް މެދުވެރިކޮށް ބޯޓަށް އެރުމުގެ ކުރިން ބޭނުންވާ ކެއުމަށް އޯޑަރު ދެވޭނެކަން އެއީ ގިނަ މީހުން ހިތްހަމަޖެހޭ ކަމަކެވެ.

މި ބޯޓުން މުޅިއަކު 335 މީހުންނަށް ދަތުރުކުރެވޭއިރު ބޯޓުގައި ބިޒްނަސް ކްލާސް ފިޔަވާ 2 ކްލާސް ހުރެއެވެ.

ސިންގަޕޯ އެއާލައިންސްއަކީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ދަތުރު ކުރަމުން އަންނަ އެއާލައިނެކެވެ.

މިހާރު ސިންގަޕޯ އެއާލައިންސްގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ސިލްކް އެއާ އާއި ފްލައި ސްކޫޓުވެސް ރާއްޖެ އަށް ދަތުރު ކުރެއެވެ.