ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރަމުން އަންނަ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ދެކުނުގެ ބައެއް ރަށްތަކުން މައުލޫމާތު ދޭގޮތުގައި މިއަދު ހެނދުނުން ފެށިގެން އެ ސަރަހައްދުގެ ބައެއް ރަށްތަކަށް އުދަ އަރަމުން ދެއެވެ. އަދި މިކަން ކަމާއި ބެހޭ ފަރާތްތަކަށް އަންގަމުންދާކަމަށް އެ ރަށްތަކުން މައުލޫމާތުދެ އެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލ. މާވަށާއި ތ. ކިނބިދޫގެ އިތުރުން ގދ ރަތަފަންދޫއާއި ހޯނޑެއްދޫ، މަޑެވެލި އަދި އައްޑޫ ސީޓީގެ ބައެއް ރަށްތަކަށްވެސް އުދައަރާފައި ވެއެވެ.

ބައެއް ރަށްތަކަށް އުދަ އަރާ މަގުތަކުގައި ފެން ހެދިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކިނބިދޫއަށް އުދަ އަރާފައި - ފޮޓޯ: މީސް މީޑިއާ

ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތުމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ހުދު އިންޒާރުވެސް ނެރެފައެވެ.

އެގޮތުން މެދުތެރެ އާއި ދެކުނުގެ އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތުމުން މިއަދު ހެނދުނު 10:30 އިން މެންދުރު 03:00 އަށް އިންޒާރު ނެރުނެވެ.

އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ބައެއް ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.