މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެރޭ ށ.ޅައިމަގު ކުރިމަގު ބޯޓުން ގެއްލުނު ބަންގަލދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މައްސަލައިގައި 3 މީހެއްގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރެލަގް އޮފީހުން ވިދާޅުވީ ލުތުފަރުގެ މަރުގެ މައްސަލައިގައި 3 މީހެއްގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކަމަށެވެ.

މި ދައުވާގެ ޝަރީއަތް ފަށާފައިވާއިރު ފުލުހުން ވަނީ މި މައްސަލައިގައި ލުތުފަރާއެކު ކުރިމަގު ބޯޓުގައި މަސައްކަތްކުރި ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ފުލުހުންގެ ބަންދުގައި މިހާރު ތިބީ ތިން މީހުންނެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ހުކުމް ކޮށްފައެވެ.

ލުތުފަރު މަރާލާފައިވަނީ އޭނައާއެކު ކުރިމަގު ބޯޓުގައި މަސައްކަތް ކުރި މީހުންނާމެދު ގަދަކަމުން އެއްޖިންސުގެ ގުޅުހުން ހިންގަން އުޅުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.