މާލެއިން ފުރައިގެން ށ.އަތޮޅަށް ދަތުރުކުރި "ނިޒާމް" ނަމަކަށް ކިޔާ ލޯންޗް ފެރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން އެހީވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު ހަވީރު 16:24 ހާއިރު މި ފެރީގައި އަލިފާން ރޯވެފައިވަނީ ޅ.މާފިލާފުށި ކައިރިން ކަމަށެވެ.

އަދި އަލިފާން ރޯވެފައި ވަނީ ފެރީގެ އިންޖީންރޫމްގައި ހުރި ބެޓެރީއެއްގައި ކަމަށާއި، ލޯންޗްގައި ރޯވި އަލިފާން ލޯންޗްގެ ފަޅުވެރިން ކުރި މަސައްކަތުން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ލޯންޗް ފެރީން ދަތުރުކުރީ، 10 އަންހެނުންނާއި 4 ކުޑަކުދިންނާއި އަދި 5 ފިރިހެނުންނާއެކު ޖުމްލަ 19 މީހުންނެވެ.

މިއަދު ހަވީރު 17:18 ހާއިރު އެމްއެންޑީއެފްގެ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓްގައި، އެ ލޯންޗް ފެރީގައި ތިބި މީހުން ވަނީ ޅ.ނައިފަރަށް ގެންގޮސްދީފައެވެ. އަދި ފެރީ ލޯންޗް ވެސް ވަނީ ޅ.ނައިފަރަށް ވަދެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.