ރާއްޖެއާއި ސީޝެލްސްއާއި ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ކުރިއަށްގެންގޮސްފައި ވަނީ، ރައީސް ސޯލިހުގެ އަރިހަށް ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ޚާއްޞަ މަންދޫބު މިސްޓަރ މުޙައްމަދު އަފީފް، މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރާއްޖެއާއި ސީޝެލްސްއާއި ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދިޔައިރު، ސީޝެލްސްގެ ރައީސް ހިޒްއެކްސެލެންސީ ޑެނީ ފޯރގެ ސިޓީފުޅެއް އިބްރާހީމް މުޙައްމަދު ސޯލިހަށް އެރުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރާއްޖެއާއި ސީޝެލްސްއަކީ ކުޑަ ޖަޒީރާ ދެ ޤައުމުކަމަށްވާތީ، ދެ ޤައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަމަށް ދެ ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާކަމަށެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއްޤައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި، އަފީފުގެ ވާހަކަފުޅުގައި ރާއްޖޭގެ ލީޑަރޝިޕަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި ރާއްޖޭގެ މިހާރުގެ ލީޑަރޝިޕާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަން ހާމަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ އިންޑިޔާ ކަނޑުގައި ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ، އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ސީޝެލްސްގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު