ނޭޝަނަލް ބްރީތްލައިފް ކެމްޕޭން އިފްތިތާޙު ކޮށްފިއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްުޔާތެއްގައި މި ކެމްޕައިން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ނޭޝަނަލް ބްރީތްލައިފް ކެމްޕޭނަކީ ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ޞިއްޙަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރި ވުމަށްޓަކައި ތައްޔާރުކުރެވިފައިވާ ނޭޝަނަލް އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭނެކެވެ.

ބްރީތްލައިފް ކެމްޕެއިން އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ވައި ނުސާފު ވުމަށް ދިމާވާ ބައެއް ސަބަބުތައް ފާހަގަ ކުރެއްވިއެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ބޮޑެތި ފެކްޓްރީ ތަކެއް ނެތް ނަމަވެސް ރާއްޖޭގެ ތިމާވެއްޓަކީ ރައްކާތެރި މާހައުލެއް ނޫންކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ ވައި ނުސާފުވުމަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަށް ބާރުއަޅުއްވާ ކަމަށެވެ.

އަމީނު ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ޞިއްހީ ނުރައްކަލަކީ ނޭވާލާ ނިޒާމުގެ ތަފާތު ބަލިތަކާއި، ސްޓްރޯކް އަދި ހިތުގެ ބަލިތައްފަދަ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށާއި ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ހެލްތް މިނިސްޓަރ ގޮވާލެއްވި އެވެ.

ވައި ނުސާފު ވުމުގެ ސަބަބުން ޞިއްހަތަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއަކާއި ރާއްޖޭގެ މިހާރުގެ ހާލަތު ބަޔާންކޮށް ތައްޔާރު ކޮށްފައިވާ ވީޑިއޯއެއް މިއަދުގެ ރަސްމިއްޔާތުގައި ދައްކާފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މި ބައްދަލުވުމުގައި އިފްތިތާޙުވެގެންދިޔަ ނޭޝަނަލް ބްރީތް ލައިފް އެކްޝަން ޕްލޭން ގައި ވާ ކަންކަން ޙާޞިލް ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދުބިންސައީދު

    ޖަޒީރާ ވަންތަ ރިޔަލުދޯނީގައި ދަތުރުކޮށް ފުޅިބައްތިދިއްލާގެން ވޮށްއަލިކޮށް އަތްގާޑިޔަލުގައި އެއްގަމު ދަތުރުކުރީމާ އެންމެ އަވަހަށް ވައިސާފުވާނީ. ހުރިހާވައްތަރެއްގެ އިންޖީނާއި އިންޖީނުލީއުޅަނދު ރާއްޖެ އެތެރެކުރުން މަނާކުރަންވީ. އެހެންނޫނީ ތިޔަ ކެމްޕޭން ތަކުގެ އެއްވެސް ފައިދާއެއްނެތް.