މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު އިންޒާރު ދީފިއެވެ. ހުދު އިންޒާރު ދީފައި ވަނީ ކ.އަތޮޅާއި އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

ހުދު އިންޒާރު ދީފައި ވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވެއެވެ.

ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.

އިއްޔެ ވެސް ވަރަށް ގިނަ ރަށްރަށަށް ވަނީ އުދަ އެރުމުގެ ސަބަބުން ގެއްލުންތައް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު