ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، ސުޕްރީމް ކޯޓުން (މަޖިލިސް) ރައީސްއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ވިދާޅުވީ ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ އެއީ، ޣައިރު ދުސްތޫރީ އަދި ބައިންއަގުވާމީ މިންގަނޑުތަކާއި ތަހުޒީބީ ދުނިޔޭގެ އުސޫލްތަކާއި ވެސް ޚިލާފު އަދި އޭގެ ސަބަބުން އަދުލް އިންސާފު ގާއިމް ކުރުމުގެ ބާރު ބަނދެވިގެންދާ ހިލިހިލާއެއް ކަމަށް ސުޕްރީމް ކޯޓުން ގަބޫލު ކުރާ ކަމަށެވެ.

"އުޑުބޮލަށް ބެއްޓޭވަރު ކަމަކަށް މިވަނީ ޖުޑިޝަލް ސާރވިސް ކޮމިޝަންގެ ދަށަށް ޑިޕާރޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ގެންދިއުމަކީ. ހަމައެއާއެކު މި ސިޓީގައި ބަޔާން ކޮށްފައިވަނީ އާލަމީ މަބްދައުތަކާއި. އިނގޭތޯ. އާލަމީ މަބްދައުތަކާއި ހެޔޮ ޑިމޮކްރަސީއަށް އިހުތިރާމު ނުކުރާ ދައުލަތެއް ކަމަށް ބެލެވި، ގައުމުގެ ޝަރާފާއި އަބުރަށް ވެސް އުނިކަމާއި ނިކަމެތިކަން ލިބިގެންދާނެ ކަމެއް ކަމަށް ވަނީ." އިމްތިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސިޓީގައި ބޭނުންކޮށްފައިވާ އިބާރާތްތަކުން މުއައްސަސާތަކަށް ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓުން ބާރު ފޯރުވާ މިންވަރު އެނގިގެންދާ ކަމަށާއި މިފަދަ ކަމަކަށް އެއްވެސް ޖާގައެއް ދެވިގެން ނުވާނެ ކަމަށެވެ. ކޯޓުތައް ހެދުމުގެ ގާނޫނާއި ބަޖެޓު ވެސް ދެނީ މަޖިލީހުން ކަމަށް ވުމުން މަޖިލީހުގެ ވާޖިބުތައް އަދާ ކުރުމަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރު ވަނީ ކުށްވެރި ކުރައްވާފައެވެ.

ޑީޖޭއޭ އަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ. ޖޭއެސްސީގެ ޤާނޫނު ފުރަތަމަ ފާސްކުރިއިރު ވެސް ޑީޖޭއޭ އަކީ ޖޭއެސްސީގެ ދަށުން ހިނގަމުން އަންނަ އިދާރާއެއްގެ ގޮތުގައި އޮތީ ކަނޑައަޅާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން 02 ޑިސެމްބަރ 2008 ގައި ނެރުނު ރޫލިން އަކުން ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިހާރު މި އިދާރާ ހިންގުމާ ޙަވާލުވެތިއްބެވި ފަރާތްތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޖަވާބުދާރީވަމުން ގެންދާނީ ސުޕްރީމް ކޯޓަށެވެ.

ޑީޖޭއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުންބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.

ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކުރުމަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރިން ފެށިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އައި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލލ

    ބަލަ ތިޔަ މަޖިލިހުން ކަންކުރަނީ ދުސްތޫރީ ނިޒާމުން ބޭރުގައި ދުސްތޫރުގައި ކަންޑައަޅާފަްިވާ ހުދޫދާއި އިމުން ބޭރުގައި، ދުސްތޫރާއި އެއްގޮތަށް ތިޔަ މަޖިލިސް ހިންގަން ޖެހެނީ ތިންބާރު ވަކިވެފައިވާ ދައުލަތެއްގައި ސިޔާސީ މީހުންގެ ޖަގަޔަކަށް ޖޭސީ ހައްދަވައިގެ ޖުޑިޝަރީ މުވައްޒަފުން ލުމަކީ ޢައިރު ދުސްތޫރީ ކަމެއް !

    28
    6
  2. ނަވާރަ

    ޖުޑިޝަރީ މިނިވަންކުރެވެނީ 1ގެ އަންބޮނޑިދަށައްހުރިހާބާރެއް ކޮއްޕައިގެންކަމަްވަންޏާ މަޖިލިހުން ތިބާރުތައް ދަމައްގަތުންނޫންގޮތެއް ނޯންނާނެ

    10
  3. ބުރޯ

    ގާނޫނު އަސާސީގަ ބުނަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީފަރާތަކީ ސްޕްރީމްކޯޓް . އަދި ދުނިޔޭގެ ހުރިހާ ގައުމެއްގާވެސް ސްޕްރީމްކޯޓަށް އެއްވެސްފަރާތަކުން އަމުރެއްނުކުރެވޭނެ. މަޖިލީހަކުންވެސް ސްޕްރީމްކޯޓަ ނުބެހެވޭނެ. މިހާރު ހުރިހާތަނެއްގާހަސަނުގެ ދެފައި ބާއްވަން ވެގެން މުޅިގައުމު ގެ ހުރިހާކަމެއް ހިންގާތަނަކީ މަޖިލީހަށް ވެ ގަންނަން އުޅެގަތީމަ ގޯސް ވޭ ޑިމޮކްރަސީއާ އަދުލު އިންސާފު ނަގާލުމަށްފަހު ހުދުމުހްތާރު މަޖިލީހެއްހަދަން ބަޔަކު އުޅެންފަސައިފިނަމަ ރައްޔިތުންނަށް ވާނީ ގެއްލުން.

    9
    2
  4. ޢަނީސް

    ޖޭ.އެސް.ސީ. އަކީ ޝަރުޢީ ދާއިރާގެ އިދާރާއެއް ނޫން.. އެއީ ހަޤީޤަތުގައި މިނިވަން މުއައްސަސާއެއް.. އެއީ ޝަރުޢީ ދާއިރާގެ އިންޓެގްރިޓީ މައްސަލަ ބަލަން އޮންނަ މިނިވަން ކޮމިޝަނެއް ގޮތުގައި ހަދަން ފެނޭ.. އޭރުން ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ލަފާ މަޖިލީހަށް ފޮނުވާނީ ޖޭ.އެސް.ސީ އިން.. ފަނޑިޔާރުން އަންޔަންކޮށް އިދާރީ ބައި އަދާ ކުރާނީ ޑީ.ޖޭ.އޭ އިން.. އަދި ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތަކީ ސްޕްރީމް ކޯޓް.. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޔުނިފޯމް ބޮޑީސްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ ފުލުހުންނާއި ކަސްޓަމާއި އިމިގްރޭޝަނަށް ވެރިންނާއި މުވައްޒަފުން ހަމަޖައްސާނަމަ ޖޯކަކަށް ނުވާނެތޯ؟

    4
    1
  5. މުދައްރިސް

    ޖޭ.އެސް.ސީ. އަކީ ޝަރުޢީ ދާއިރާގެ އިދާރާއެއް ނޫން.. އެއީ ހަޤީޤަތުގައި މިނިވަން މުއައްސަސާއެއް.. އެއީ ޝަރުޢީ ދާއިރާގެ އިންޓެގްރިޓީ މައްސަލަ ބަލަން އޮންނަ މިނިވަން ކޮމިޝަނެއް ގޮތުގައި ހަދަން ފެނޭ.. އޭރުން ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ލަފާ މަޖިލީހަށް ފޮނުވާނީ ޖޭ.އެސް.ސީ އިން.. ފަނޑިޔާރުން އަންޔަންކޮށް އިދާރީ ބައި އަދާ ކުރާނީ ޑީ.ޖޭ.އޭ އިން.. އަދި ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތަކީ ސްޕްރީމް ކޯޓް.. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޔުނިފޯމް ބޮޑީސްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ ފުލުހުންނާއި ކަސްޓަމާއި އިމިގްރޭޝަނަށް ވެރިންނާއި މުވައްޒަފުން ހަމަޖައްސާނަމަ ޖޯކަކަށް ނުވާނެތޯ؟

  6. ފިލްވް

    ތި ހެދީ ރަނގަޅަށް. ސްޕްރީމް ކޯޓަކީ ދަށު ކޯޓެއްގައި ބަލާފައިވާ މައްސަލައެއް އިސްތިއުނާފު ކުރީމަ ހުކުމް ރިވިއު ކުރާ ކޯޓު. މިތަނަށް ޑީޖޭއޭ އާއި ޖޭއެސްސީ އާއި ޕީޕީސީ އާއި އޭތި މީތި ވައްދައިގެން ގަޑުބަޑު ކުރީ ތި ފަނޑިޔާރުންގެ އަމިއްލަ އެދުމަށް.

    1
    1