ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމަށް ކޯޓުތަކާބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު މަޖިލީހުން ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރު ކުރަން ފާސްކޮށްފައިވާއިރު މިއީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު ފަހަކުން ހަތަކަށް އިތުރު ކުރަން ހުށަހެޅީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް އިއާދަ ކުރުމަށެވެ.

ދެ ފަނޑިޔާރުން އިތުރުވުމުން އެކަމަށް އިތުރު ހަރަދެއް ހިނގާނެތީ އެކަމާއި ގުޅޭގޮތުން ކޮމިޓީން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދާފައެވެ.

އެގޮތުން ސިޓީއެއް މެދުވެރިވެރިކޮށް ފިނޭންސް މިނިސްޓަރ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓަށް އިތުރުކުރާ ދެ ފަނޑިޔާރުންގެ ހަރަދަކީ ދައުލަތުގެ ބަޖެޓަށް އިތުރު ބުރައަކަށް ނުވާނެ ކަމަށެވެ.

އެހެންވެ ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފާގެ މަތިން ކޮމިޓީން ވަނީ އިސްލާހް ފާސްކޮށްފަ އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނު އަސާސީއާއެކު ފުރަތަމަ އެކުލަވާލި ސުޕްރީމް ކޯޓުގެ ބެންޗުގައިވެސް ތިއްބެވީ 7 ފަނޑިޔާރުންނެވެ.

އެހެން ނަމަވެސް ނިމިދޔަ 18 ވަނަ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކޮށް މިހާރު އެކުލަވާލާފައިވާ ގޮތަށް ފަސް ފަނޑިޔާރުންނަށް ވަނީ ބަދަލު ކުރައްވާފައެވެ.