ބ.ފެހެންދޫ ދަރިވަރުން ސްކޫލަށް ދާން ބޭނުން ކުރާނެ އުޅަނދެއް ފަރުމާ ކޮށް ބަނދެދޭނެ ފަރާތެއް ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފެހެންދޫ ދަރިވަރުން ގޮއިދޫއަށް ގެންދިއުމަށް އުޅަނދު ފަރުމާކޮށް އަދި ބަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

އަދި އެ ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއިން ފެށިގެން މި މަހުގެ 22ގެ ނިޔަލަށް އޮންނާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ފެހެންދޫ ކުދިން ސްކޫލަށް ދިއުމަށްޓަކައި ގޮއިދޫއަށް ދަނީ ވަރަށް ބާވެފައި އޮންނަ ޑިންގީއެއްގައެވެ.

އެފަދަ އުޅަނދެއްގައި އެކުދިން ދަތުރުކުރަން ޖެހޭތީ މި އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ކުދިން ދަތުރު ކުރުމަށް 20 ފޫޓު ޑިންގީއެއް ހަމަޖައްސައިދީފަ އެވެ.

މިނިސްޓްރީން ހަމަޖައްސާފައިވާ ޑިންގީވެސް ސަތަރިގަނޑު ހަލާކުވުމުގެ ސަބަބުންވަނީ ދަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިވެފަ އެވެ.

ފެހެންދޫ ކައުންސިލުން ވަނީ ވަކިން ހާއްސަކޮށް މޫސުން ގޯސްވެއްޖެ ނަމަ ދަރިވަރުންނާއި ބެލެނިވެރިންނަށް ކަނޑު ދަތުރު ކުރުމުގައި ދިމާވާ އުނދަގޫތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ފެހެންދޫ ގައި ސްކޫލަށްދާ 26 ކުދިން ތިބިނަމަވެސް އެރަށުގެ ސްކޫލުގައި ކިޔަވާ ނުދެނީ އެރަށުގެ އާބާދީ ކުޑަ ކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮކުޓަރު

    ރައްރަށުގެ ދަރިވަރުން މިހާލުގަ ސްކޫލް އައްދާއިރު މާލޭގެ ޕާކުތައް ހަދާ ނިމިޖެ

    9
    1
    • ނަރުސް

      ތިބީ 26 ކިޔަވާކުދިން. އެވޭތަ ރަށަކަށް!

      1
      1
  2. ޢާލިމް

    ރަށުގައި ދެ މީހުނާއި ފަޅި އުޅުނަސް ހަމަ އާބާދީ ބޮޑު ރަށަކަށް ބަދަލުވާން އެއްބަސް ވެގެން ނުވާނެ ދޯ؟