ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު އިންޒާރު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު މެންދުރު ފަހު ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ.

އަދި ވިލާގަނޑުގައި 45 މޭލު ބާރު މިނުގައި ވައި ޖެހޭނެކަމަށްވެސް އެ އިންޒާރުގައި ބުނެފައި ވެއެވެ.

މެޓް އޮފީހުން އިންޒާރު ނެރެފައި ވަނީ މިރޭ 22:00 އާއި ހަމައަށެވެ.

މުޅި ރާއްޖެއަށް މޫސުމް ގޯސްވެ ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑިއެފް އާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ހާމަކޮށްފައެެވެ.