ގއ. ދެއްވަދޫ ގެއަކާއި ފިހާރައެއް ފަޅާލައި ވައްކަން ކުރި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ދެއްވަދޫއިން ވަގުތު އާ ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުގެ ފިހާރައަކާއި ގެއެއް ފަޅާލައި ވައްކަން ކޮށްފައިވަނީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ބުނީ މި މައްސަލައިގައި ފުލުހުން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ބިދޭސިއަކުވެސް ހިމެނޭ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފަޅާލާފައިވަނީ ދެއްވަދޫ އެތެންސް ކިޔާ ގެއެއް ކަމަށާއި އެގެއިން ގިނަ އަދަދެއްގެ ކަރަންޓު ސާމާނާއި ގޭސްފުޅިއާއި އުނދުން ފަދަ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.

ފޮޓޯ: ކިއުތެރިއެއް

މީގެ އިތުރުން ރަށުތެރެ ހޯދަމުން ދަނިކޮށް ފިހާރައިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާ ކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ނުވެއެވެ.