ސިނަމާލެ ބުރިޖާއި ގުޅިފައިވާ ހަލިމަގު (ހައިވޭ)ގައި ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހަލިމަގުގައި މިރޭ 6:45 ހާއިރު އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ހަތަރު މީހަކަށެވެ. މި އެންމެންވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، އެކްސިޑެންޓެއް ވެގެން ދެ މީހަކު އެ ހޮސްޕިޓަލަށް މިރޭ 19:00 ހާއިރު ގެނެސްފައި ވާކަަމަށެވެ. އޭގެ ތެރެއިން އެކަކީ 21 އަހަރުގެ އަންހެނެއް ކަަމަށާއި، އޭނާގެ ދެ އަތާއި ފައިވެސް މަށައިގެން ގޮސްފައިވާކަމަށެވެ.

އަދި އެ އެކްސިޑެންޓާއި ގުޅިގެން އެ ހޮސްޕިޓަލަށް ދެން ގެނެސްފައި ވަނީ 20 އަހަރުގެ ފިރިހެނަކަށެވެ.. އޭނާގެ އަތަށާއި، ފައިވެސް މަށައިގެން ދިޔައިރު، އޭނާގެ ތުންފަތް ފަޅައިގެން ގޮސް، ބުމަޔަށްވެސް ގެއްލުންލިބި ދެ ދަތްވެސް ބިންދައިގެން ގޮސްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި ދެ މީހުންނަށްވެސް ބޭސް އަޅާ ކޮޓަރީގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި އިތުރު ދެ މީހަކު އައިޖީއެމް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިން ދެ މީހުންގެވެސް ލައިސަންސް އޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހަރެން

    އެވަރުކަމެއް ވެދާނެ

    11
  2. އާދަނު

    ހަލިމަގޭ އަނެކާ މޮޅު ނަމެއް ހެދީދޯ ގައިމު ބޮޑުމަގު ކީނަމަވެސް ތަކޮޅެއް ރީތިވިސް

    8
    2
  3. ސޮންދާލި

    ކަތިކަތިލާ ޖިއެންގަ މިއުޅޭ ކުދިންކޮޅު މައިތިރިކުރަންއެބަޖެހޭ ފުލުހުން ފެއިލް ވެފަ

    13
    2
  4. Anonymous

    ފުލުހުން ކައިރީބުނެބަލަ ސައިކަލު ހޯދަންނޫޅެ މިކމާއުޅޭށޭ.

  5. ރައްފާން

    މިހާރު މި އުޅޭ ޒުވާނުން ސައިކަލް އަށް އެރުނީމަ ހީވަނީ މިތިބެވެނީ ރޭސް ޓްރެކެއްގަ ޔޭ. ވަރަށް ޑެލޫޝަނަލް ކުދިންކޮޅެއް. ބޭރު ގައުމް ތަކުގަ ވެސް އެފާޑަށް ދުއްވާ މީހުންނަށް ވަރަށް އަދަބް ދޭ. މާބާރަށް ދުއްވާ ވެހިކަލް ތަކަށްށާ ހިންގާ މީހުންނަށް އުންދަގޫ ވާވަރަށް ބާރަށް ދއުއްވަންޔާ ފުރަތަމަ ވެސް ޖަލަށް، ފަހުން ސުވާލް ކުރަނީ. ޕަނިޝްމަންޓް ވަރަށް ބޮޑު.