މަސްވެރިކަމުގައި އުޅުނު މީހަކު ހާލު ދެރަވެގެން ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މަޢުލޫމާތުދިން ގޮތުގައި ހާލު ދެރަވެގެން ސިއްހީ އަވަސް ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންދަނީ އއ. މާޅޮހު ރަމްޒު ނަމަކަށްކިޔާ ދޯންޏެއްގެ ދިވެހި ފާލުވެރިއެކެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެމީހާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ފެށީ، މިއަދު މެންދުރު 14:52 ހާއިރު އެމްެއެންޑީއެފް އަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ހާލު ދެރަވެގެން ކުޅުދުއްފުއްޓަށް ގެންނަނީ ކުޅުދުއްފުށި ހުޅަނގު ބިތުން 106 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ރަމްޒު ދޯނީގައި ހުރި މީހެއް ކަމަށެވެ. މި މީހާ ކުޅުދުއްފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ކުއްލިއަކަށް ހޮޑުލެވި ބަނޑުގައި ރިއްސާ ހާލު ދެރަވެގެން އަވަސް ފަރުވާ ބޭނުންވާކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުމުންނެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި އޮތް އެފްއައިސީ "މާފަތް" ލޯންޗު ޅ.ނައިފަރަށް ގޮސް ޑޮކްޓަރުންގެ ޓީމު ގޮވައިގެން ދޯނި އޮތް ސަރަޙައްދަށް ދަތުރު ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. މި މީހާ ކުޅުދުއްފުއްޓަށް ގެނެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ 23:30 ހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު