ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރަސްމީ ދަރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ދެކަނބަލުންނާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް އާއި ޕާކިސްތާނުން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ޑިފެންސް އެޓާޗޭ ކާނަލް ސައްޖާދު ޢަލީގެ އިތުރުން ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައިން ހުންނަވާ ޑިފެންސް އެޓާޗޭ ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙިލްމީއެވެ.

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ދައުލަތުގެ ބައެއް ވަޒީރުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިމަހު 30 ން އަންނަ މަހު 1ގެ ނިޔަލަށް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އުމުރުފުޅުން 57 އަހަރުގެ ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ 28 ނޮވެމްބަރު 2016 ގައެވެ. ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ ކޮމިޝަން ކުރައްވާފައިވަނީ 1980 ވަނަ އަހަރު 16 ވަނަ ބެޓޭލިއަން އޮފްދަ ބެލޮކް ރެޖިމެންޓްގައެވެ. ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފްގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޖެނެރަލް ޤަމަރް ޖާވިދް ބަޖްވާ މަސައްކަތްކުރައްވާ ފައިވަނީ ޕާކިސްތާން އަސްކަރިއްޔާގެ ހެޑްކްއޯޓަރުގައި ޓްރޭނިންގ އެންޑް އިވެލުއޭޝަން ބައިގެ އިންސްޕެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.