ލ.އަތޮޅު އިސްދޫ، ކަލައިދޫ، ދަނބިދޫ އަދި މުންޑޫ ރައްޔިތުން އެއަތޮޅު ގަމަށް ދަތުރު ކުރަން ބާއްވަމުން އަންނަ ފެރީގެ ޚިދުމަތް މެދުކެނޑިފައި އޮންނަތާ ހަފްތާއެއް ވެއްޖެއެވެ. ލ.އަތޮޅުގައި ފެރީގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީސީ އިންނެވެ. މިމަހުގެ 13 ވަނަ ދުވަހުގެ ފަހުން އެރަށްތަކަށް ފެރީއެއް ނޯވެއެވެ.

ފެރީގެ ޚިދުމަތް މެދުކެނޑިފައި ވާތީ "ވަގުތު" އަށް މައުލޫމާތު ދެއްވި ލ.އަތޮޅު ރަށެއްގެ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ފެރީގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތައް ދިމާވަމުން އަންނަ ކަމަށެވެ.

"ކޮންމެ ދުވަހަކު ހޮސްޕިޓަލަށާއި އެހެނިހެން ބޭނުންތަކުގައި އެތައް ބަޔަކު ގަމަށް ދަތުރު ކުރަން އެބަޖެހޭ. ނަމަވެސް ފެރީ ނެތުމުން މިހާރު މިޖެހެނީ 1500 ރުފިޔާ އަށް ނުވަތަ އެއަށް ވުރެ ބޮޑު އަގެއް ދީފައި ލޯންޗް ކުއްޔަށް ހިފައިގެން ގަމަށް ދަތުރު ކުރަން. ހަފްތާއެއް ވާއިރު ސަރުކާރުގެ ބޮޑު ކުންފުންޏަކަށް އަލުން ފެރީ ދަތުރުތައް ނުފެށި އޮތުމަކީ ލަދުވެތި ކަމެއް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފެރީގެ ޚިދުމަތް މެދުކެނޑުނީ ފެރީގެ އިންޖީނަށް މައްސަލައެއް ދިމާވެގެން ކަމަށް އެމްޓީސީ އިން ވިދާޅުވާ ކަމަށާއި ނަމަވެސް ހަފްތާއެއް ވާއިރު ފެރީގެ ޚިދުމަތް އަލުން ނުފެށުމަކީ ކުންފުނީގެ ވެރިން އަތޮޅުތެރޭގެ ރައްޔިތުންނަށް އިސްކަން ނުދޭކަމުގެ ހެއްކެއް ކަމަށެވެ.

"މާލެ އާއި ވިލިމާލެ އަދި މާލެ ހުޅުމާލެ ފެރީ ކޮންމެ ފަސް މިނެޓަކުން ފުރަން ޖެހުނަސް އެއްވެސް މެދުކެނޑުމެއް ނާދޭ. އަތޮޅު ތެރޭގެ ރައްޔިތުން ދަތުރު ކުރާ ފެރީ ވެސް ހަލާކުވެގެން ހަފްތާއެއް ވާއިރު އެހެން ފެރީ އެއް ގެނެސްގެން ނަމަވެސް ޚިދުމަތް ދެވެން ވާނެ." އޭނާ ވިދާޅުވިއެވެ.

އާއްމު ރައްޔިތަކު ބުނީ ތަފާތު ހުންތަކާއި ރޯގާތައް އާއްމު ދުވަސްވަރެއްގައި ފެރީގެ ޚިދުމަތް މެދުކެނޑިފައި އޮތުމުން އިތުރު ދަތިތަކެއް ކުރމަތިވެފައިވާ ކަމަށެވެ.

"ރަށުގެ ހެލްތު ސެންޓަރުން އެއްވެސް ޓެސްޓެއް ހެދެނީއެއް ނޫން. އާދައިގެ ޓެސްޓެއް ހަދާލަން ވެސް ދާން މިޖެހެނީ ގަމަށް. ފެރީ ނެތުމުން އަތުން އެބަދޭ 1500 ރުފިޔާ." އޭނާ ބުންޏެވެ.

ލ.އަތޮޅު އުތުރުކޮޅު ރަށްތަކަށް ދަތުރު ކުރާ ފެރީގެ ޚިދުމަތް މެދުކެނޑިފައި ވާއިރު މ.އަތޮޅާއި ފ.އަތޮޅު އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދިނުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކޮށްފައިވާ ވާމިލިއަން ކުންފުނިން އެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ދިނުން ރަމަޟާން މަހުން ފެށިގެން ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދދދދދދ

    ސާބަހޭ ޖަޒީރާ ރާއްޖެ. ލ. އަތޮޅު މީހުންވެސް ބޭނުންވި ގޮތް. ދެން އަތްޖަހާ.

    15
    4
    • ޖަޒީރާވަންތަކަން

      ޖަހަމުން ޖަހަމުންގޮސް ދެއަތުގަ ފޮޅުލާންދެން.

  2. ތަހުތު

    ރަގަޅުވާހަކަޔެއް ތިބުނީ

  3. ފުޅި މަދު ފާޙާނާ

    ބަލަ ކަމެއްވާއިރަށް ސަރުކާރަށް ނުކިޔާ ... މީ އެމްޓީސީސީގެ މައްސަލަ..

    1
    7
  4. އެލެކްސް

    ތީ އަމިއްލަ އަށް ބުއި ބޮޑިއެއް، ވޯޓް ދިންއިރުވެސް އެގޭދޯ މިވެރިންނަކަށް ކަމެއްނުވާނެކަން ދެންތިބޭ، ނުލާހިކު ރަނގަޅައް ކަންތައްތައް ވަމުންދަނިކޮށް ކަލޭމެން ބޭނިންވެގެން ވެރިކަން ބަދަލުކުރީ... ޖަޒީރާ ރާއްޖޭގަ އުޅެންޖެހޭނީ ތިގޮތައް

  5. މާބައިދޫ

    މާބައިދޫ އެެއީ ފެރީ ޖައްސާ ރަށެއް ނޫތައް ވަގުތު ނޫސް

  6. Anonymous

    ސާބަހޭ ޖަޒީރާ ރާއްޖެ ދެން އަތްޖަހާ.