ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތް ނިމި އޮގަސްޓް ނިމުމާއި އެކު ޔޫރަޕްގެ އެއާލައިންތައް ވެސް ހިމެނޭ ގޮތައް އިތުރު އެއާލައިންތަކުން ރައްޖެ އަށް ދަތުރުތައް ފަށާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް ދަތުރުކުރާ ޔޫރަޕްގެ ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލަން އުޅޭކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަރުމަންވިލާތުގެ ސަފީރު ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު ސައީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "(ރަންވޭ ނިމުމުން) ޔޫރަޕްގެ ގިނަ އެއާލައިން ތަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފަށާނެ. މިއާ އެކު ރާއްޖެ އަށް މުޅިން އަލަށް އޭ-380 މަރުކާގެ ފްލައިޓްތައް ވެސް ޖައްސަން ފަށާނެ" ކަމަށެވެ.

އެއާބަސް 380 މަރުކާގެ ފްލައިޓަކީ މިހާރު ދުނިޔޭގައި ދުއްވާ އެންމެ ބޮޑު ފްލައިޓެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ ތަރައްޤީ ކުރަނީ އޭ-380 ޖެއްސޭ ވަރަށެވެ.

މިހާރު މަސައްކަތް ކުރިއަށް ގެންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ މިއަހަރުގެ ފަހު ކުއާާޓަރުގައި ހުޅުވަން ވަނީ އަމާޒު ހިފާފައެވެ. ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައެވެ. ރަންވޭގެ މަސައްކަތް ހަފްތާގެ ހަތް ދުވަހު ދުވާލަކު 24 ގަޑިއިރު ދަނީ ކުރަމުންނެވެ.