ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން މާދަމާ ސައުދިއަރަބިއްޔާ އަށް ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙަވާލުގައި ފުރުމަށް ހަމަޖެހިފައިވާ 84 ހައްޖާޖީން ކަމަށެވެ.

ފާއިތުވި އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް ރައްޖެއަށް 2000 މީހުންގެ ހައްޖު ކޯޓާ ލިބިފައި ވެއެވެ.

އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވަނީ 1684 ހައްޖާޖީން ކަމަށެވެ.

އެމިނިސްޓްރީން ވިދާޅުވީ މާދަމާއިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ދެމެދު ރާއްޖެއިން ހައްޖަށް ދާން ހަމަޖެހިފައިވާ ހުރިހާ ހައްޖުވެރިން ސައުދިއަރަބިއްޔާއަށް ގޮސް ނިމެނޭނެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު ޝާފިއު އަލީ ވިދާޅުވީ ދިވެހި ހައްޖާޖީންނަށް ލުއިފަސޭހަ ކަންތައްތަކެއް އިންތިޒާމު ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ސައުދިއަރަބިއްޔާގައި ހަރަކާތްތެރިވާ ދިވެހި ހައްޖު މިޝަންގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ހައްޖުވެރިން ފުރުމުގެ ކަންކަމުގައި ހައްޖާޖީންނަށް އެހީތެރިވުމުގެ ގޮތުން ސިފައިންނާއި ފުލުހުންގެ އިތުރުން އެއަރޕޯޓްސް ކޮމްޕެނީންވެސް ޚާއްސަ އިންތިޒާމު ތަކެއް ހަމަޖައްސާފައިވާ ކަމަށް ޝާފިއު ވިދާޅުވި އެވެ.