ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ސައުދިއަރަބިއްޔާއަށް ގޮސްތިބޭ ދިވެހިންނަށް ދިމާވާ ކަންކަމާ ގުޅޭ ގޮތުން ޚާއްސަ ދިރާސާއެއް ކުރައްވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ އެ ދިރާސާ ކުރައްވަނީ ސައުދީގައި މިހާރު ހަރަކާތްތެރިވާ ދިވެހި ހައްޖު މިޝަނުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

ޝާފިއު ވިދާޅުވީ މި ދިރާސާއަކީ ހައްޖުގެ އަޅުކަމަށް ދިވެހިން ފުރުމާއި އެނބުރި މާލެ އައުމާ ދެމެދު ހިނގާ ހުރިހާ ކަމެއްގެ މައްޗަށް ބިނާކޮށްގެން ކުރެވޭ ދިރާސާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މި ދިރާސާގެ އަލީގައި ހައްޖުވެރިންނަށް ދިމާވާ ދަތިތައް އިތުރަށް ދެނެގަނެވި ހައްޖުގެ އަޅުކަން ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހައްޖުގެ އަޅުކަން ކުރުމަށްޓަކައި މިއަހަރު ރާއްޖެއިން 1684 ހައްޖާޖީން ސައުދިއަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަ ކުރައްވާފައެވެ.

ރާއްޖެއިން ހައްޖަށް ފުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ގްރޫޕު ކަމަށްވާ ޒައީމާ ހައްޖު ގްރޫޕްގެ ހަވާލުގައި މާދަމާ 84 ހައްޖާޖީން ފުރުމަށް ހަމަޖެހިފައިވެއެވެ.

މާދަމައިން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ދިވެހި ހުރިހާ ހައްޖުވެރިން ސައުދިއަރަބިއްޔާއަށް ގޮސް ނިމޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހައްޖުވެރިން މާލެއިން ފުރުމުގައި ލުއި ފަސޭހަ އިންތިޒާމުތަކެއް ސިފައިންނާއި ފުލުހުންގެ އިތުރުން އެއަރ ޕޯޓު ކޮމްޕެނީއާ ގުޅިގެން ހަމަޖައްސާފައެވެ.