ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަލަށް ތަރައްގީ ކުރަމުންދާ ރަންވޭގެ މެދުން އުތުރަށް އެއްކޮށް އެސްފޯލްޓް އަޅާ ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ހަސަން އަރީފު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ރަންވޭގެ މެދުން ފަށައިގެން އުތުރާ ހަމައަށް އެއްކޮށް އެސްފޯލްޓު އަޅާ ނިމިފައިވާ ކަމަށެވެ. އަދި އައު ރަންވޭގެ ގާތްގަނޑަކަށް 1600 މީޓަރުގައި އެސްފޯލްޓު އަޅާ ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

އަރީފު ވިދާޅުވީ ދެން ކުރިއަށް އޮތް މަސައްކަތަކީ ރަންވޭގެ މެދުން ފަށައިގެން ދެކުނަށް އެއްކޮށް އެސްފޯލްޓު އަޅާ ނިންމުން ކަމަށެވެ. އަދި ހުރިހާ މަސައްކަތްތައް ނިމޭނީ މިއަހަރުުގެ ފަހު ކުއާޓާގައި ކަމަށް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ތާރު އަޅަން ފެށުން – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"މަސައްކަތް ނިންމާލާފައި ދެން ޓެސްޓު ފްލައިޓުތައް ޖެއްސޭނީ. ޓެސްޓު ފްލައިޓުތަކުުގައި ޖެއްސޭނެ އޭ380 ވެސް. އޭ380 ގެ ކެޕޭސިޓީއަށް ހަމަ ރަންވޭ ހަދާފައި އެ ވަނީ." އަރީފު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން މިހެން ވިދާޅުވެފައިވާއިރު އިކޮނޮމިކް މިނިސްޓަރ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަންވޭ ނިމުމުން ޔޫރަޕްގެ ގިނަ އެއާލައިން ތަކުން ވެސް ރާއްޖެ އަށް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި އެއާ އެކު ރާއްޖެ އަށް މުޅިން އަލަށް އޭ-380 މަރުކާގެ ފްލައިޓްތައް ވެސް ޖައްސަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް ދަތުރުކުރާ ޔޫރަޕްގެ ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލަން އުޅޭކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަރުމަންވިލާތުގެ ސަފީރު ވިދާޅުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ދިވެހިރައްޖެ ދެކެމުން މިއަންނަ ފަހި ތަރައްޤިގެ ކުލަވަރު ބަނަކޮށްލަނޭ ބަޔަކަށް ދިވެހިން ނުވަމާތޯއެވެ؟ 2018 ގެ ރިޔާސީ އިންތިޚާބު ފުރަތަމަބުރުން ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ ދިވެހި ރައްޔިތުން ޢަޒުމު އާކޮށް އަތުގުޅާލަމާތޯއެވެ؟