ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ބާ ކައުންސިލްގެ ހިންގާ ޤަވައިދު ކެޒެޓްކޮށް އެޤަވައިދަށް އަމަލު ކުރަން ފަށައިފިއެވެ.

އިއްޔެ އަމަލު ކުރަން ފެށި ޤަވައިދު ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ޖަލްސާތައް ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ ރަސްމީ ޖަލްސާ، ނުރަސްމީ ޖަލްސާ، މަޝްވަރާ ބައްދަލުވުން އަދި ކުއްލި ޖަލްސާއެވެ.
ޤަވައިދު ބުނާ ގޮތުން ރަސްމީ ނިންމުމަކަށް ނުވާނޭ އެންމެހައި އެހެން ނިންމުންތައް ނިންމުމަށް އިންޓަނެޓް މެދުވެރިކޮށް ނުވަތަ މުވާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން "ޓެލެކޮންފަރެންސިންގ" ގެ އުސޫލުން ނުވަތަ "ވަރޗުއަލް މީޓިންގ" ގެ އުސޫލުން ނުވަތަ "އީ-މީޓިންގ" ގެ އު ސޫލުން އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން އެއް ހާޒިރުވުމެއް ނެތި ބައިވެރިވާގޮތަށް އިންތިޒާމުކުރާ ބައްދަލުވުންތައް ބޭއްވުމަށާއި، އެ ފަދަ ބައްދަލުވުންތަކުގައި ނިންމުންތައް ނިންމަން ޤަވައިދު ހުރަހެއް ނާޅައެވެ.

ޤަވައިދުގައި ބުނެފައިވާ ގޮތުގައި އެެގްޒެކެޓިވް ކޮމިޓީގެ އެއްވެސް ކަމެއް ނިންމޭނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތު އެކަމަށް ލިބިގެންނެެވެ. ނަމަވެސް އާންމު އުސޫލެއްގެގޮތުން އެގްޒެކެޓިވް ކޮމިޓީގެ މައްސަލަތައް ނިންމޭތޯ ބަލާނީ، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެމްބަރުން ތިބޭނެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވާނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބާ ކައުންސިލް އެކުލަވާލުމުން ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކުރުމާއި، ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހައި ފަންނީ ކަންކަން ރެގިއުލޭޓުކޮށް، ފިޔަވަޅު އަޅައި ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ޚިދުމަތުގެ އުޞޫލުތައް ކަނޑައެޅުމާއި، ޤާނޫނީ ވަކީލުންގެ މަސައްކަތް ތެދުވެރިކަމާއި އިންޞާފުވެރިކަމާއެކު ކުރިއަށްދާކަން ކަށަވަރުކުރުމަކީ ބާ ކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.

މީގެ އިތުރުން ޤާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތައް އެކަށައަޅައި އެމިންގަނޑުތައް ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޤާނޫނީ ޚިދުމަތަށް ޢާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ފޯރުކޮށްދޭ ޤާނޫނީ ޚިދުމަތްތަކަށް ފާރަވެރިވެ، މުރާޖަޢާކޮށް، އިޞްލާޙުކުރުމަށް އެފަރާތްތަކަށް ލަފާ ދިނުމަކީ ވެސް އެކައުންސިލުން ކުރަން ޖެހޭ ކަމެކެވެ.