މިދިޔަ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަށް ތަޙްޤީޤްކޮށް ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލައިގެ ތަހުގީގު ރިޕޯޓް ޢާންމު ކުރާނެކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، (އެންއައިސީން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވީ، މާފުށީ ޖަލުގައި ގައިދީންނާއި ޖަލު އޮފިސަރުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޖަލަށް ގޮސް އެމައްސަލައިގެ ތަހުގީގު ފެށި ކަމަށެވެ. މިހާރު އެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށާއި އެކަމުގައި ފިޔަވަޅު އަޅަންޖެހެ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ސުލައިމާން ވިދާޅުވިއެވެ.

"ކޮމިޝަނުން ޖަލަށް އެޓެންޑްވިން. މި މައްސަލާގައި ހެކި ހޯދާ ބަޔާންވެސް ނަގާފައިވާނީ. އަދި މިހާރު ވަނީ ތަޙްޤީޤީ ރިޕޯޓް ނިމިފައި،" ސުލައިމާން ވިދާޅުވިއެވެ.

ގައިދީންނަށް އަނިޔާކުރި މައްސަލައިގެ ރިޕޯޓް އާއްމު ކުރަން އެންއައިސީ އިން ތައްޔާރު ވަމުންދާ އިރު ހާދިސާ ހިނގިތާ މަސް ދުވަސް ވީއިރު ވެސް ގައިދީންނަށް އަނިޔާކުރި އޮފިސަރުން ދެނެގަނެވިފައި ނުވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސް އިން ވެސް ގެންދަނީ އެމައްސަލަ ތަޙްޤީޤު ކުރަމުންނެވެ.

ޖޫން މަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކަކީ ފަހުގެ ތާރީޚެއްގައި މާފުށީ ޖަލުގައި ހިނގި އެންމެ ބޮޑެތި ހަމަނުޖެހުންތަކެވެ. އެހަމަނުޖެހުންތަކަށް ފަހު ގައިދީން ވަނީ ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ވެސް ކުރިއަށް ގެންގޮސްފައެވެ.