މިދިޔަ ހަފްތާގައި ފުލުހުން ސްޓިކާ ޖެހި ވެހިކަލްގެ އަދަދު މަދުވެއްޖެއެވެ. "ވަގުތު" އަށް މައުލޫމާތު ދެއްވި ނަން ހާމަކުރަން ބޭނުން ނުވާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހަފްތާގައި ފުލުހުން ސްޓިކާ ޖެހި އަދަދު މަދުވެފައި ވަނީ މާލެ އަށް ގިނަ ދުވަސް ދުވަހު ވާރޭ ވެހެމުން ދިއުމުން ކަމަށެވެ.

މިދިޔަ ހަފްތާގައި ފުލުހުން ސްޓިކާ ޖަހާފައި ވަނީ 690 ވެހިކަލްގައެވެ.

ޕާކިންގ ވަޔަލޭޝަނސް ސްޓިކާ ޖެހުމުން، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ ފަހަރު ނަމަ ދައްކަން ޖެހެނީ 250 ރުފިޔާއެވެ. ދެވަނަ ފަހަރު ނަމަ 500 ދައްކަން ޖެހޭއިރު، ތިން ވަނަ ފަހަރު ނަމަ ޖޫރިމަނާގެ ގޮތުގައި 750 ރުފިޔާ ދައްކަން ޖެހެއެވެ.

ފުލުހުން ސްޓިކާ ޖެހި ވެހިކަލްގެ އަދަދާއި، ކޮންމެ ސްޓިކާއެއްގެ ޖޫރިމަނާ އަކީ 750 ރުފިޔާ ކަމަށް ބަލައިގެން ހިސާބު ހަދައިފިނަމަ ސްޓިކާ ޖަހައިގެން ފުލުހުން ހޯދި ފައިސާގެ އަދަދު މިދިޔަ ހަފްތާގައި ވެސް 517500 ރުފިޔާ އަށް އަރައެވެ. ކުރީ ހަފްތާހައި ފުލުހުން ސްޓިކާ ޖަހައިގެން ހަލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދިއެވެ. އެހެންކަމުން ފުލުހުން ސްޓިކާ ޖަހައިގެން ދެހަފްތާ އިން ހޯދި ފައިސާގެ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ.

ސްޓިކާ ޖެހުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދެކެވެ. ވެރިކަމާއި ރައީސް ޞާލިހް ހަވާލުވި ފުރަތަމަ ދުވަސްކޮޅުގައި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް، ސްޓިކާ ޖެހުން ހުއްޓާލިތާ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ އަލުން ސްޓިކާ ޖަހަން ފަށާފައެވެ.

ޖުލައި މަހު ކުރީކޮޅު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރު އައި ފަހުން ޕާކް ކުރުމަށް "ގިނަ ތަންތަން ދެވިއްޖެ" ކަމަށެވެ. "ސްޓިކާރ ތިޔަޖަހާ މައްސަލަ އަޅުގަނޑު ސީރިއަސްކޮށް ބަލާނަން އިނގޭތޯ" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ދާދިފަހުން ވިދާޅުވީ ވެހިކަލްތަކުގައި ސްޓިކާ ޖަހަނީ ޕާކް ކުރާނެ ތަންތަން ދެއްކުމަށް ފަހުގައި ކަމަށެވެ.

މިސަރުކާރު އައި ފަހުން ޕާކް ކުރުމަށް ގިނަ ތަންތަން ދެވިއްޖެ ކަމަށް ރައީސް ޞާލިހް އާއި މިނިސްޓަރ ނަހުލާ ވިދާޅުވި ނަމަވެސް މިސަރުކާރު އައި ފަހުން މަސައްކަތް ނިންމާ، ހުޅުވާފައި ވަނީ އެންމެ ދެ ޕާކިން ޒޯނެވެ.

ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖެހުމަކީ އާއްމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު ވެސް ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާބޮޑު މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    ވާއެއްޗަކީ އެހާބޯކޮއް ވިއްސާރަވެހޭ ދުވަސްތަކު ޕޮލިސްކުދިންވެސް ޑިއުޓީއައް ނުކުންނަހިތެއް ނުވޭ. އެމީހުން ތިބެނީ ހޮރައް ވަދެ، ބަންކު ބެޑުތަކައް އަރާ ވޯކީޓޯކީ ނިވާލައިގެން ރަޖާއަޅައިގެން ނިދަން. ދެން ކޮން ސްޓިކާއެއް ހިއްޕޭނީ އެމީހުނައް. ދެން ތިބެގެން އަންހެން ކުދިންނައް މެސެޖުކުރާނީ..

  2. މާމިގިލީ މީހާ

    މިނިސްޓަރ އައިސާގެ ގަޔޭގަ ސްޓިކާ ޖަހާބަލަ. މިނިސްޓަރ ސްޓިކާ އައިސާ.