މިއަހަރުގެ ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ, ހަރަމައިން ގުރޫޕުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ނަގާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަން ފުލުހުން ފަށައިފިއެވެ.

ހަރަމައިން ގުރޫޕުން ހައްޖަށް ގެންދާ ބައެއް މީހުންގެ އަތުން އިތުރަށް ފައިސާ އަތުލަމުންދާ މައްސަލަ ފެންމަތިވީ އެ މައުލޫމާތު ހިއްސާ ކުރަމުންދިޔަ މީހެއްގެ ވީޑިއޯ މީސް މިޑިއާގައި ދައުރުވާން ފެށުމުންނެވެ.

ފުލުހުން މިއަދު ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ހަރަމައިން ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ވަރަށްވުރެ އިތުރަށް، އެއްވެސް މީހެއްގެ އަތުން ފައިސާ ނަގާފައިވާނަމަ އެކަން ފުލުހުންނައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ހަރަމައިން ގުރޫޕުން އިތުރަށް ފައިސާ ނެގިކަމަށް ބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާ އަގަށް ވުރެ ބޮޑު އަގެއް މީހުންގެ އަތުން ނަގައިގެން ހައްޖަށް ގެންދިއުމަކީ މަނާ ކަމެކެވެ. ނަމަވެސް ހައްޖަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރާ އަމިއްލަ ޖަމާޢަތްތަކުން މީހުންގެ އަތުން އިތުރަށް ފައިސާ ނަގާ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވެއެވެ.