ދަޢުލަތުން ބަލަހައްޓަމުން ގެންދާ ފަރާތްތަކުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެ ވުޒާރާގެ ދަށުން ހިނގަމުންދާ ބައެއް މުއައްސަސާތަކުގެ އިސްފަރާތްތަކާއެކު ނައިބު ރައީސް ފައިޞަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ޖެންޑަރ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އިތުރުން ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ އިސްފަރާތްތައް ބައިވެރިވިއެވެ.

ނައީބް ވަނީ މި ބައްދަލުވުމުގައި ގުރައިދޫ މަރުކަޒާއި ކުޑަކުދިންގެ ހިޔާ އަދި ފިވަތީގެ ކަންކަން މިހާރު ކުރިޔަށްގެންދާގޮތާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

އަދި އެތަންތަނުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާ އަދި އެކަންކަންކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތުވެސް ނައިބު ރައީސް އޮޅުންފިލުއްވިއެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާ މީހުންގެ ކަންކަން ވީހާވެސް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިޔަށް ގެންދިއުމާ އަދި ކުޑަކުދިންނަށް ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކާއި ފަތަން ދަސްކޮށްދިނުން ފަދަ ހުނަރުތައް ދަސްކޮށްދިނުމުގެ މުހިންމުކަން ނައީބް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބި ދާއިމީ ބަލިތަކުގެ ބޭސް ބޭނުންކުރާ ފަރާތްތަކަށް އެފަދަ ބޭސް ލިބުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުން މި ބައްދަލުވުމުގެ ބައިވެރިންނާއެކު ނައިބު ރައީސް ވަނީ މަޝްވަރާކުރައްވާފައެވެ.